ދެކުނުކޮރެއާގެ ހުރިހާ ރައްޔިތުން އަހަރެއް ނުވަތަ ދެ އަހަރު ޒުވާން ވެއްޖެއެވެ. މިއީ، މީހުންގެ ޢުމުރު ގުނާގޮތް ކޮރެއާގެ މިންގަނޑުތަކުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ބަދަލު ކުރުމުން ވީގޮތެކެވެ.
ދެކުނު ކޮރެއާގައި މީހުންގެ ޢުމުރު ގުނަނީ ވިހާ ދުވަހު އެކުއްޖަކަށް 1 އަހަރު ވީކަމަށް ބަލައިގެންނެވެ. އަދި އެއަށްފަހު ކޮންމެ އަހަރެއްގެ ޖެނުއަރީ 1 ގައި އެކުއްޖެއްގެ ޢުމުރަށް 1 އަހަރު އިތުރު ކުރަނީއެވެ.
އެހެނިހެން ޤައުމުތަކުގައި ޢުމުރު ގުނާހެން އުފަންވާ ދުވަހުން ފެށިގެން ކޮންމެ އަހަރެއްގެ އެދުވަހު އެމީހެއްގެ ޢުމުރަށް 1 އަހަރު އިތުރު ކުރާ ގޮތަށް ވެސް ދެކުނު ކޮރެއާގައި ޢުމުރު ގުނައެވެ.
ދެކުނު ކޮރެއާގެ ޔަންހިޕް ނޫސް އެޖެންސީން ބުނާ ގޮތުގައި މީހުންގެ ޢުމުރު ގުނުމުގައި ބުދަދުވަހުން ފެށިގެން އެޤައުމުގެ ހުރިހާ ރަސްމީ އިދާރާ ތަކަކުން ބައިނަލްއަގުވާމީ މިންގަނޑު ބޭނުން ކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.
ސަރުކާރުން ދެކެނީ، މި ނިންމުމުގެ ސަބަބުން މިހާރު ދިމާވަމުންދާ ބައެއް އޮޅުންއެރުން ތަކަށް ޙާއްލެއް ލިބިގެން ދާނެކަމަށެވެ. މިހާރު ބައެއް ފަރާތްތަކުން އެފަރާތްތަކުގެ ޕެންޝަނަށާއި، ދޮށީ ޢުމުރުގެ މީހުންނަށް ލިބޭ ހިލޭ ދަތުރު ކުރުމުގެ ޚިދުމަތަށް ޢުމުރު ހަމަނުވަނީސް ދަނީ އެދެމުންނެވެ.
އަދި މިނޫނަސް ސްކޫލު ދައުރު ފެށޭ ޢުމުރާއި ޤައުމީ އަސްކަރީ ޚިދުމަތަށް ވަންނަންޖެހޭ ޢުމުރާއި އެހެނިހެން ބައެއް ކަންކަމުގައި ޢުމުރު ކަނޑައެޅުމުގައި ސަރުކާރާއި ޢާއްމުންނާއި ދެމެދުގައި ބައެއް ދެބަސްވުންތައް ވަނީ އުފެދިފައެވެ.
ކޮރެއާގެ ޘަޤާފީ މިންގަނޑު އުވާލައި ބައިނަލްއަގުވާމީ މިންގަނޑަށް ޢުމުރު ގުނުން ބަދަލުކުރުމަށް ޤާނޫނު ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
2022 ވަނަ އަހަރު މިކަމާއި ގުޅިގެން ސަރުކާރުން ކުރި ސާރވޭ އެއްގައި، 86 އިންސައްތަ މީހުން ވަނީ ޢުމުރު ގުނުމުގައި ބައިނަލްއަގުވާމީ މިންގަނޑަށް ޢަމަލު ކުރުމަށް އެފަރާތްތަކުން ބޭނުންވާ ކަމަށް ބުނެފައެވެ.
މައިމީހާގެ ބަނޑުގައި ކުއްޖާ ހޭދަކުރާ ދުވަސްތަކާއި އެކު ޢުމުރު ގުނުމުގެ އުޞޫލަކީ، ޗައިނާއާއި ޖަޕާނުފަދަ އިރުމަތީ އޭޝިޔާގެ ބައެއް ޤައުމު ތަކުގައި ކުރިން ބޭނުން ކުރި އުޞޫލެކެވެ.

