ކަނޑުއަޑީގެ ޕްރެޝަރުގެ ސަބަބުން ފިތިގެން ހަލާކު ވީ ކަމަށް ބެލެވޭ ސަބްމާސިބަލް ޓައިޓަންގެ ހަލާކުވެފައިވާ ބައިތަށް ކަނޑުއަޑިން ނަގައިފިއެވެ. އަޑިއަށް ގޮސްފައިވާ ޓައިޓޭނިކް ބަލައިލުމަށް ފަސްމީހުންނާއިއެކު ދަތުރު ކުރި މި އުޅަނދުގެ ބައިތަށް އެޓްލާންޓިން ކަނޑުގެ އެންމެ އަޑިން ކެނެޑާއަށް ނަގާފައިވަނީ ބުދަދުވަހުގެ ވަގުތެއްގައި ކަމަށް އެމެރިކާގެ ކޯސްޓްގާޑުން ވަނީ ބުނެފައެވެ.
ޓައިޓަން ސަބްމާސިބަލްގެ މައިގަނޑާއި، އެއުޅަދުގެ އިންޖީނުގެއާއި، އުޅަނދުގެ މޫނުމަތި ކަމަށް ބެލެވޭ ބައިތަކެއް ކެރޭނުގެ އެހީގައި އެއްގަމަށް އަރުވާ މަންޒަރު ކެނެޑާގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އިން ދައްކާފައިވާ މަންޒަރުތަކުން ފެނެއެވެ.

ކަޑުއަޑިން ނަގާފައިވާ ޓައިޓަންގެ ބައިތަކުގައި އިންސާނުންގެ ހަށިގަނޑުގެ ބައިތަށް ހުރެދާނެކަމަށް ބެލެވޭ
ކެނެޑާގެ އުޅަނދެއް ކަމަށްވާ ހޮރައިޒަން އާކްޓިކްގައި ޓައިޓަންގެ ހަލާކުވެފައިވާ ބައިތަށް ނަގާފައިވަނީ ޙާދިސާ ހިނގި ކަމަށް ބެލެވޭ ސަރަޙައްދުގެ އުތުރުން 400 މޭލު ދުރުން ކަމަށް، އެމެރިކާގެ ކޯސްޓްގާޑުން ހާމަކޮށްފައި ވަނީ އެފަރާތުން ނެރުނު ބަޔާނެއްގައެވެ.
މިބައިތަށް އިތުރަށް ބަލައި ތަޙުޤީޤު ކުރުމަށްޓާކައި ފޮނުވުމަށް ހަމަޖެހިފައި ވަނީ އެމެރިކާއަށެވެ. މިބައިތަކުގައި އިންސާނުންގެ ހަށިގަނޑުގެ ބައިތަށް ހިމެނޭތޯ ބެލުމަށް، ޞިއްޙީ މާހިރުން ރަސްމީ ތާޙުޤީޤެއް ހިންގުމަށް ހަމަޖެހިފައި ވާކަމަށް ވެސް ކޯސްޓްގާޑުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކަނޑުއަޑިން ނެގި ޓައިޓަގެ ބައިތަކުގައި އިންސާނުންގެ ހަށިގަނޑުގެ ބައިތަށް ހުރެދާނެކަމަށް ބެލެވެމުން ދިޔަ ނަމަވެސް އެއީ ކިހާ މިންވަރަކަށް، އަދި އެކަމަށް އޮތީ ކިހާވަރެއްގެ ޔަޤީންކަމެއް ކަން ވެސް ތަޖުރިބާކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ކަނޑު އަޑިން ފުރަތަމަ އެބައިތަށް ހޮރައިޒަން އާކްޓިކް އަށް ނެގުނު ވަގުތުވެސް އެތަކެތި ބަލައި ފާސްކުރެވި މަޢުލޫމާތުތައް ރައްކާކުރެވިފައި ވާކަމަށް ކެނެޑާގެ ޓްރާންސްޕޯޓު ސޭފްޓީ ބޯޑު (ޓީ.އެސް.ބީ.) އިން ބުނެއެވެ.
އިތުރު ތަޙުލީލު ތަކަށްފަހު ޙާދިސާ ހިނގަން ދިމާވި ސަބަބުވެސް އިތުރަށް ސާފުވެގެން ދާނެ ކަމަށް ތަޖުރިބާ ކާރުން ދެކެލައްވައެވެ.

