ޒުވާނެއްގެ މަރާއި ގުޅިގެން ފުލުހުންނާއި ދެކޮޅަށް ފްރާންސްގެ ރައްޔިތުން ހިިންގަމުންދާ ހަމަނުޖެހުންތަށް ދެވަނަ ދުވަހަކަށް ދިގުދެމިގެން ގޮސް ހައްޔަރު ކުރި މީހުންގެ ޢަދަދު މިހާރުވަނީ 77 އަށް އަރާފައެވެ.
ރައްޔިތުން އިހްތިޖާޖު ކުރަމުންދަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ރަށްބޭރުގައިވާ ޓައުނެއް ކަމަށްވާ ނަންޓޭރްގައި 17 އަހަރުގެ ޒުވާނެއްގެ ގަޔަށް ފުލުހުން ބަޑިޖެހުމުންނެއެވެ.
ކުލީ ކާރެއް ދުއްވަމުންދިޔަ މިޒުވާނާ ހުއްޓުވީ، ދުއްވުމުގެ އެތައް ޤަވާއިދަކާއި އޭނާ ޚިލާފުވުމުން ކަމަށް ސަރުކާރުގެ ވަކީލުން ބުނަމުންދާއިރު، ޚާއްޞައެހީދޭ ފަރާތްތަކުން ޒުވާނާއަށް އަވަސްފަރުވާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް އެ ޒުވާނާ ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވެފައެވެ.
ނާހިލް ނަމަކަށް ކިޔާ އެފްރިކާ ދަރިކޮޅުގެ މި ޒުވާނާގެ ގަޔަށް ފުލުހުން ބަޑިޖެހި ޙާދިސާ ރައީސް އިމެނުއަލް މެކްރޯން ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ.
ރުޅިގަދަވެފައިވާ ރައްޔިތުން ހުއްޓުވުމަށް 2000 އެއްހާ ރަޔަޓް ފުލުހުން ޙަރަކާތްތެރިވަމުން ދާއިރު، އިޙްތިޖާޖުގެ ބައިވެރިން ދަނީ ކާރުތަކާއި ފިހާރަތަކުގައި ހުޅުޖަހަމުންނެވެ.

ފްރާންސް، 28-6-2023
ފަރާންސްގެ ނޫސް އެޖެންސީ އެއް ކަމަށްވާ އޭ.އެފް.ޕީ. އިން ޞައްޙަކަމަށް ބުނެފައިވާ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި ޒުވާނާއަށް ކާރު ހުއްޓުމަށް ފުލުހަކު އަންގަމުން ދިޔައިރު، އެހެން ފުލުހަކު ހުރީ އެޒުވާނާ އާއި ދިމާއަށް ބަޑި ދިއްކޮށްގެންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސްމީހާ އެޒުވާނާގެ ގަޔަށް ބަޑިޖަހާފައި ވަނީ ވަރަށް ގާތުންނެވެ. އެއަށްފަހު ކާރުގޮސް ތަނެއްގައި ޖެހޭ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
މިކަމާއި ދެކޮޅުހެދުމަށް އިއްޔެ ނުކުތް ރައްޔިތުންވަނީ އެޤައުމުގެ ފުލުހުންގެ މަރުކަޒުގެ ކުރިމަތީގައި އިހްތިޖާޖު ކޮށްފައެވެ. އަދި ފަހުން މައްސަލަ ހޫނުވެ އެއްވުމުގެ ބައިވެރިން ވަނީ ކާރެއްގައި އަލިފާން ރޯކޮށްލައި، ބަސް ހުއްޓި ތަކަށް ގެއްލުންދީ، ގްރެނޭޑާއި، ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވުން ރޫޅާލަން މަސައްކަތް ކުރި ފުލުހުންނާއި ދިމާއަށް ފަޓާސްފަދަ ތަކެތި ރޯކޮށް އުކާފައެވެ.
މި ހަމަނުޖެހުންތަކުގައި އިއްޔެ 9 މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ. ބަޑިޖެހި ފުލުސް މީހާ ވެސް މިހާރުވަނީ ގަސްދުގައި މީހަކު މަރައިލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ.

