އިސްލާމްދީނަށް ނަފުރަތުކުރާ ސްވިޑަންގެ ބަޔަކު ވަނީ، ޢީދު ދުވަހު ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ޒައިދް ބިން ސުލްޠާން އަލް ނަޙްޔާން މިސްކިތުގެ ކުރިމަތީގައި އިހްތިޖާޖުކޮށް ޤުރުއާން ވީދައި، އަންދާފައެވެ.
ސޮޓޮކްހޯމް މިސްކިތުގެ ނަމުން މަޝްހޫރުވެފައިވާ މި މިސްކިތުގެ ކުރިމަތީގައި މިކަން ކޮށްފައިވަނީ ސްވިޑަންގެ ފުލުހުންގެ ހުއްދައާއި އެކުގައި ކަމަށް ޚަބަރު ލިބެއެވެ.
މިކަންކަން ހިންގި ވަގުތު އެ މަންޒަރު ބަލަން އެސަރަޙައްދުގައި 200 އެއްހާ މީހުން ތިއްބެވެ. އޭގެތެރެއިން މުސްލިމުން ވަނީ "الله أكبر" މިފަދައިން ގޮވާފައެވެ.
َކީރިތި ޤުރުއާން އަންދަމުން ދިޔަ މީހުން "އަންދާލާ، އަންދާލާ" މިފަދައިން ގޮވަމުން ދިޔައެވެ.

ސްވިޑަންގެ ސްޓޮކްހޯމް މިސްކިތުގެ ކުރިމަތީގައި ފުލުހުންގެ ހުއްދަ އާއިއެކު ޤުރުއާން އަންދަނީ 28-6-2023
މުސްލިމުންނާއި އިދިކޮޅު ޙަރަކާތްތައް ސްވިޑަން ގައި ހިންގާތީ އެކަމާއި ދެކޮޅަށް އިހްތިޖާޖު ކުރުމަށް ތަކުރާރުކޮށް ހުއްދައަށް އެދުމުން ވެސް ފުލުހުން ވަނީ މީގެ ކުރިން ހުއްދަ ނުދީފައި ކަމަށް ސްވިޑަންގެ މުސްލިމުން ބުނެއެވެ.
މިސްކިތުގެ ޑައިރެކްޓަރ އިމާމް މަޙްމޫދު ޚަލަފީ ވަނީ ފުލުހުންގެ މިފަދަ ހުއްދައެއް ދީފައިވާތީ އެކަމާއި ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.
"ޢީދު ދުވަހުގެ މި އިހްތިޖާޖު މިސްކިތް ކުރިމަތި ނޫން އެހެން ސަރަޙައްދަކަށް ބަދަލު ކޮށްދިނުމަށް ވެސް މިސްކިތުން ވާނީ ފުލުހުންގެ ގާތުގައި އެދިފަ. އެކަމަށް ޤާނޫނުތަކުން ހުއްދަވެސް ދޭ. އެހެނަސް ފުލުހުން މިކަން މިގޮތަށް ކުރުވާފައި މިވަނީ ހަމަ ގަސްދުގަ."
މިކަމާއި ގުޅިގެން ޚަލަފީ ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.
ސްޓޮކްހޯމް މިސްކިތަކީ އަހަރަކު 10،000 މީހުން ޢީދުނަމާދަށް ދާ މިސްކިތެކެވެ.
ސްވިޑަން ފުލުހުން ވަނީ ޤުރުއާން އެންދި މީހާ ފަހުން ހައްޔަރު ކޮށްފައެވެ. މިއީ ނޭޓޯގެ މެމްބަރަކަށް ވުމަށް އެޤައުމުން ކުރަމުން ދާ މަސައްކަތަށް ތުރުކީން ހުރަސްއަޅާފައި ވާތީ ތުރުކީ ރުއްސުމަށްޓަކައި ކުރިކަމެއް ކަމަށް ބެލެވެއެވެ.
ތުރުކީން ސްވިޑަން އާއިމެދު ހިތްހަމަ ނުޖެހިގެން އުޅެނީ އެޤައުމުގައި ދިރިއުޅޭ ކުރުދީން ނަށް ތުރުކީއާއި ދެކޮޅު އިހްތިޖާޖުތައް ބާއްވަން އެޤައުމުގެ ފުލުހުން ހުއްދަދޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޢަމަލު ކުށްވެރިކޮށް ތުރުކީންވަނީ ސްވިޑަން އާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެމެރިކާއިން ވެސް ވަނީ މިޢަމަލު ކުށްވެރިކޮށްފައެވެ.

