މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މިސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ގޯތި ލިބޭ ލިސްޓުގައި، ނިޔާވެފައިވާ 17 މީހަކު ހިމެނޭކަން ހާމަވެއްޖެއެވެ.
އެގޮތުން، ދަފްތަރުގައި ހިމެނޭ އެއްމީހަކާއި މާލޭގެ 16 ރަށްވެހިންނަށް ގޯތި ލިބޭކަމަށް ސަރުކާރުން އިއުލާނުކުރި ލިސްޓްގައި ވެއެވެ.

ނިޔާވެފައިވާ 17 މީހުންގެ ލިސްޓް
ސަރުކާރުން ގޯތި ދިން ލިސްޓުގައި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ11 މެމްބަރުންނާއި، ސަރުކާރުގެ މުއައްސަސާ ތަކުގެ ވެރިން ގިނަ އަދަދަކަށް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން 11 ބިދޭސީއަކަށް ވެސް ދިވެހިންނަށް ޚާއްސަ ގޯތި ވަނީ ދީފައެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ ރައްޔިތުން ހިމެނެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ގޯތި ލިސްޓް އާންމުކުރުމާއި އެކު ގިނަ ރައްޔިތުންގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒުކުރަމުންނެވެ. އަދި ބިމުގެ ޖާގަ އެވަރަށް ނެތްއިރު ކަނޑު ހިއްކައިގެން ގޯތި ދެވޭނެ ކަމާއިމެދު ރައްޔިތުންދަނީ ސުވާލު އުފައްދަމުންނެވެ.
ގޯތި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމުގެ ޔަޤީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ނަމަވެސް، ދިވެހިންނަށް ޚާއްސަ ބޯހިޔާވަހިކަމުގެ ލިސްޓަށް ބަލާއިރު މި ލިސްޓްގައި ގިނަ ބިދޭސީން ހިމެނޭތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

