މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މިސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ގޯތި ލިބޭ ލިސްޓުގައި، އިންޑިއާއަށް ނިސްބަތްވާ މީހުނާއި އަވަށްޓެރި ސްރީލަންކާ އަދި ބަންގްލަދޭޝްގެ އެތަށް ރައްޔިތަކު ހިމެނޭކަން ހާމަވެ ސަރުކާރަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
އެގޮތުން، ހޮޓެލް އާއި، ކޮންސްޓްރަކްޝަން އާއި، ސްޕާ އާއި، ވިޔަފާރިތަކެއް ހިންގަމުން އަންނަ އިންޑިއާ މީހަކާއި، ދިވެހި ސަރުކާރުން ދިވެހި ޕާސްޕޯޓް ދީފައިވާ އެތައް ބިދޭސީންނަށް ވަނީ ދިވެހިންނަށް ޚާއްސަކުރި ބޯހިޔާވަހިކަން ދީފައެވެ.
ރާއްޖޭގެ ރަށްވެހިންގެ ގޮތުގައި ހުރިނަމަވެސް، އޭގެ ތެރެއިން ބައެއް އިންޑިއާ މީހުންނަކީ ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ އިންޑިއާއަށް ނިސްބަތްވާ މީހުންކަން ވަނީ ކަށަވަރުވެފައެވެ.
ހަބީބު ނަމަކަށްކިޔާ އިންޑިޔާ މީހަކަށްވެސް ގޯތި ލިބުނުކަން ހާމަވުމުވުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒު ވުމުން ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ އެއީ އޮޅުމެއް ކަމަށެވެ. އަދި ހަބީބުގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށާ، ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.
މިކަމަށް ރައްދު ދެއްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އެ ލިސްޓުގައިވާ 10 މީހުންގެ ތެރެއިން ވަގުތީ ލިސްޓް ގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު 3 މީހުން ކަމަށެވެ.
މިއާއިއެކު ގޯތި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމުގެ ޔަޤީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވިއެވެ. އެހެން ނަމަވެސް، ދިވެހިންނަށް ޚާއްސަ ބޯހިޔާވަހިކަމުގެ ލިސްޓަށް ބަލާއިރު އެ ލިސްޓުގައި ގިނަ އަދަދެއްގެ ބިދޭސީން ހިމަނާފައިވާތީ އެތައް ދިވެހިންނެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިދިޔަ ހޯމަ ދުވަހު އާންމު ކޮށްފައިވާއިރު އެތައް ބިދޭސީންނެއް ގޯތި ލިބޭ ލިސްޓުގައި ހިމަނާފައިވާ މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ.

