އެންމެ ނުބައި މީހުންނަކީ މީސްތަކުންގެ މެދުގައި ދޭތެރެ ޖައްސަމުން ހިނގާ، ޢީބަ ބުނުމާއި، އެކުވެރިންގެ މެދުގައި ފަސާދައުފައްދާ، ދެކޮޅުވެރިކަމާއި ޙަސަދަވެރިކަންފަދަ އަމަލުތަކަށް މަގުފަހިކުރުވާ އަދި އެގޮތަށް އަމަލުތައް ބަހައްޓާ މީހުންކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
އިންސާނާގެ ދުލުގެ އާފާތްތަކަށް އިސްކަންދީގެ މިއަދު އިއްވި ޚުތުބާގައި ވިދާޅުވީ، މާތް ﷲ އިންސާނާއަށް ދުލަކާއި، ދެތުންފަތް ދެއްވައި، ދެ މަގަަށް މަގު ދައްކަވާފައިވާކަމަށެވެ. އަދި ދޭތެރެެ ޖެއްސުމާއި ބުހުތާން ދޮގުހެދުމުން ނަހީ ކުރައްވާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ދުލުން ބުނެލާ ބަސްތަކާއި އަމަލުތައް ސީދާ ކުރުމަށް ޚުތުބަގައި ބަރުއަޅުއްވާފައިވެއެވެ.
ދުލުގެ އާފާތްތަކުގެ ތެރެއިން، އީބަ ބުނުމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. ޢީބަ ބުނުމަކީ ތިމާގެ އަހާގެ ނުރުހޭ ސިފަޔަކާ ބެހޭ ގޮތުން އެހެން މީހުން ކައިރީ ވާހަކަ ދެއްކުމެވެ. ނުވަތަ މީސްތަކުންގެ ގާތުގައި، ތިމާގެ އަަޚާގެ ކިބައިގާ ހުރި ޢައިބެއްގެ ވާހަކަ ދެއްކުމެވެ.
އަދި ހަމަ އެހެންމެ ތިމާއަށް ނޭގޭ ނުވަތަ އެކަމަކާބެހޭ ގޮތުން އެނގުމެއް ނުވާ ވާހަކަތައް ދެއްކުން އެއީ މަނާވެގެންވާ ކަމެއްކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. އެކަމުގެ ނުބައިކަން ހާމަކަޮށް މާތް ﷲ ޞުބުހާނަހޫ ވަތަޢާލާ ވަހީ ކުރައްވާފައިވެއެވެ.
އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވިއެވެ.”
އެގޮތުން އެފަދަ އަމަލުތައް ކުރާ މީހުންގެ ގުނަވަންތަކުން ކުރާ ޢަމަލުތަކަށް ގިޔާމަތް ދުވަހުން ޖާވާބާރިވާންޖެހޭނެ ކަމަށާއި އެއިން ކޮންމެ ކަމަކާއި މެދު އެ ދުވަހުން ސުވާލު ކުރެވޭނެކަން ހަނދާނުގައި ބެހެއްޓުމަށް ހުތުބާގައި ބު ެފައިވެއެވެ.
މީގެ އިތުރުން ޢީބަ ބުނުމުގެ ނުބައިކަން ފާހަގަކޮށް ކުތުބާގައި ބުނެފައިވަނީ އެކަމަީ ތިމާގެ މަރުވެފައިވާ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެއްކަމުގައެވެ. މިކަމާއި ބެހޭ ގޮތުން މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.
” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާއި ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޢީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ، އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ﷲ އީ، ގިނަގިނައިން ތަޢުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަނލާންގެއެވެ.”
މީގެ އިތުރުން ދުލުގު އާފާތްތަކުގެ ތެރެއިން ނެތިމޮށުމާއި، ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ ފެތުރުމުން ދުރުހެލިވެ ތިބުމަށް ޚުތުބާގައި ބާރުއަޅުއްވާފައިވެއެވެ. އެ ފަދަ އަމަލުތަކަކީ ކަށްވަޅޚުގެ އަޒާބު ލިބިދެނިވި އަމަލުތައްކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ ދޮގު ހެދުމާއި ދޮގު ހެކި ދިނުމާއި އަދި ދޮގު ހުވާ ކުރުމަކީ އަނިޔާވެރިކަން ބޮޑު މީހެއްކަމުގައި ވެގެންދާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެއީ ބޮޑެތި ފާފަތަކުގެ ތެރޭ ހިމެނޭ ކަންކަން ކަމަށާއި، މިފަދަ ބޮޑެތި ފާފަތަކަކީ ފޫ ނުބެއްދޭ ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްދާނެ ކަންތަކެއްކަމަށްވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
މިއަދު ޚުތުބާގައި ވަނީ ހަސަދަ ވެރިކަމާއި، އޮޅުވާލުމާއި ފިތުނަ އުފެއްދުމާއި، އަދި މަކަރު ހަދައި އޮޅުވާލުމުން ދުރުހެލިވެ ތިބުމަށް ގޮވާލާފައެވެ. އަދި އެކަކު އަނެކެއްގެ ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ބާރުއަޅާފައިވެއެވެ.

