ޙައްޖަށް ގޮސްގެން އުޅެނިކޮށް ގެއްލުނު ދިވެހި ޙައްޖުވެރިޔާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މިކަން ހާމަކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީން މިއަދު އެމިނިސްޓްރީގެ ފެސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ.
މިނިސްޓްރީގެ ޕޯސްޓް:
“އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ނިޔާވެފައިވާ ކަމުގައި ދަންނަވަމެވެ.
މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ދަންނަވަމެވެ.
މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވަނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުންނެވި ފަހުން ވީނުވީއެއް ނޭނގި ގެއްލިފައެވެ. މުޙައްމަދު ނަސީމް ޢަލީ ހޯދުމަށް ދިވެހި ޙައްޖު މިޝަނާއި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.
މުހައްމަދު ނަސީމް ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ރޭގެ ދަންވަރުގެ ވަގުތެއްގައި. އަދި އޭނާ ފެނިގެން ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދޭ.”
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީމް ނިޔާވިކަން އެނގުނީ ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވާ މީހުންގެ ލިސްޓް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އާއްމުކުރިއިރު އެލިސްޓްގައި ނަން އޮތުމުންކަމަށާއި، އަދި މިހާތަނަށް ނަސީމްގެ ހަށިގަނޑު ހަރަމައިން ކުންފުންޏާއި ހަވާލު ނުކުރާ ކަމަށް މައުލޫމާތު ލިބޭ ކަމަށް “ވަގުތު” އޮންލައިންގައި ބުނެފައިވެއެވެ.
ނަސީމް ގެއްލުނީ ހައްޖު މަހުގެ 8 ވަނަ ދުވަހުގެ ރޭ މިނާގައި ތިއްބައި، އެރޭގެ މެންދަމުގެ ވަގުތެއްގައެވެ. ނަސީމަކީ ނަފްސާނީ މައްސަލަ ހުންނާތީ އެކަމަށް ބޭސް ވެސް ކާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

