އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަންއަށް އެންމެ ފުރަތަމަ ވަންނާނެ ކެންޑިޑެންސީ ފޯމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފޯމްކަމަށް ޕީޕީއެމްގެ ގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ އޯޝަން ވީކްލީއިން މިހަފްތާއަށް ނެރުނު އަދަދުގައި “ޔާމީނެއްވެސް ނޫން. ނަޝީދެއްވެސް ނޫން. ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް” މި ނަމުގައި އެނޫހުގެ ފުރަތަމަ ސަފްހާގައި ޖަހާފައިވާ ޕޯސްޓާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ޔާމީންގެ ފޯމްއަކީ މި އަހަރު ވަންނާނެ އެންމެ ފުރަތަމަ ފޯމްކަމަށާއި އަދި މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ޕާޓީއަކުން ކަނޑައަޅައި އެންމެ ފުރަތަމަ އިޢުލާން ކުރައްވާފައި ވަނީވެސް ރައީސް ޔާމީން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީޕިއެމްގެ ލީޑަރު ރައީސް ޔާމީންއަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ގިނަބަޔަކު އަންނަނީ ސުވާލުތައް އުފައްދަމުންނެވެ.
ރައީސް ޔާމީންއަށް ކިރިޔާވެސް ވާދަކުރެވެން އޮތީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފްގެ މައްސަލަ ނިމި އެ ހުކުމް ބާތިލުކޮށްގެންނެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ހަތަރު ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ ހަމަ އެމަހުގެ 30 ވަނަ ދުވަހު ކަމަސް އީސީން ވަނީ ނިންމާފައެވެ.
އަދި މިހާރު މިހިނގާ ރައިސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިންމުމަކަށް ގެންއުމަށް އިނދިކޮޅު މައި ޕާޓީތައް ކަމަށްވާ، ޕީޕީއެމް- ޕީއެންސީ އަދި ރައީސް ނަޝީދުއަށް ތާއިދުކުރާ މެންބަރުންތަކެއް އިސްވެ ތިބެ އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީންވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

