ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލި "ބިންވެރިޔާ ސްކީމް" ގެ ދަށުން، ހުޅުމާލެއިން ގޯތި ލިބޭ ލިސްޓް އާންމު ކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ސަރުކާރަށް ސުވާލެއް އަމާޒު ކުރައްވައިފިއެވެ.
އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު ހުޅުމާލެއިން ދެވެން އޮތީ އެންމެ 700 ގޯތި ކަމަށާއި، އަދި އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯ އާޒިމް ސުވާލު އުފެއްދެވިއެވެ.
މިދިޔަ ހޯމަ ދުވަހު ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވާއިރު، އެކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީން ވަނީ ގޯތި ލިބުމުގެ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން އިއުލާން ކޮށްފައެވެ.
މިއާއިއެކު އެތައް މައްސަލަތަކެއް ފެންމަތިވެ ލިސްޓް އެކުލަވާލުމުގައި ގިނަ އަދަދެއްގެެ ބިދޭސީން ލިސްޓްގައި ހިމަނާފައިވުމާއި އެނޫންވެސް ގިނަ މައްސަލަތަކެއް ފާހަގަކުރެވި އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒު ވެފައެވެ.
މިކަމާއި ނުރުހުން ފާޅު ކުރައްވަމުން އާޒިމް ވިދާޅުވީ ވެރިކަން ނިމެން ބާކީ އޮތީ 71 ދުވަސް ކަމަށާޢި، ހުޅުމާލެއިން ދެވެންއޮތީ 700 ގޯތި ކަމަށެވެ. އަދި އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯ ސާފުކޮށް ރައްޔިތުންނަށް ބުނެދިނުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ. މިއާއިއެކު އޭނާ ސަރުކާރަށް ވިދާޅުވީ ގޯތިލިބިގެން އުފަލުން ރޮވުނު ފަރާތްތައް ތިޔަ އުޅެނީ މޮޔަކޮށްލަންތޯ އެވެ.
ހުޅުމާލޭގެ އިތުރުން ގޯތި ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ތަންތަނުގެ ބިން ހިއްކުމުގެ މަޝްރޫޢު އަދި ފެށިފައިނުވި ނަމަވެސް ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ބިން ހިއްކުމަށް ހަމަޖެހިފައިވާ ތަންތަނުން ބިން ހިއްކައިގެން ޝަރުތު ހަމަވާ މީހުންނަށް ގޯތި ދޫކުރާނެ ކަމަށެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ގޯތި ލިސްޓް އާންމުކުރުމާއި އެކު ގިނަ ރައްޔިތުންގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒުކުރަމުންނެވެ. އަދި ބިމުގެ ޖާގަ އެވަރަށް ނެތްއިރު ކަނޑު ހިއްކައިގެން ގޯތި ދެވޭނެ ކަމާއިމެދު ރައްޔިތުންދަނީ ސުވާލު އުފައްދަމުންނެވެ.

