ޢީދު ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަރަކާތުގައި އިންޑިއާ އައުޓް މާލިތައް ނެރުމުގައި ސަރުކާރުގެ އަތެއް ވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ “މާލި”ތައް ވަނީ ފެނިގެންގޮސްފައެވެ.
އިދިކޮޅުން ވިދާޅުވީ އެގޮތަށް މާލި ނެރުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނެރުނު ލިސްޓްގައި އިންޑިއާ މީހުން ހިމެނުމުން، އެކަމުގައި ރައްޔިތުންގެ ހުރި އިހުސާސްތައް ސަރުކާރަށް އަންގައިދޭން ކަމަށެވެ.
މިކަމާއި ގުޅިގެން އާޒިމް ވިދާޅުވީ މިބާވަތުގެ ހަރަކާތްތަކާއި، ނަފްރަތު އުފައްދުމަށް މުޖުތަމަޢުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫނެވެ. އާޒިމް ވިދާޅުވީ މިކަމުގައި ސަރުކާރުގެ އަތެއް ވާ ކަމަށާއި އެހެން ނޫންނަމަ އެކަމުގެ ތަހުގީގު މިހާރު ފެށާފައިވާނެ ކަމަށެވެ.
އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ހިންގި ހަރަކާތެއްގައި، އަވަށްޓެރި އިންޑިއާއާއި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާމެދު ނަފްރަތު އުފެދޭގޮތަށް ހިންގި އިޚްތިރާމްކުޑަކުރުމުގެ އަމަލުތައް ކުއްވެރިކޮށް ސަރުކާރުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

