ތަޖިކް ދަރިކޮޅަށް ނިސްބަތްވާ މީހަކު ބަޑިން ޙަމަލާދީ މަލްޑޯވާގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ގާޑުންގެ ދެމީހަކު މަރާލައިފިއެވެ. މިޙާދިސާގައި ޢާއްމުންގެ އިތުރު މީހަކު ވެސް ވަނީ ޒަޚަމްވެފައެވެ.
43 އަހަރުގެ މި މީހާ ސެކިއުރިޓީގާޑުންގެ ބަޑި އަތުލައި އެމީހުންނާއި ދިމާއަށް ބަޑިޖަހަންފެށީ އެޤައުމަށް ވަނުމުގެ ހުއްދަ ނުލިބުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ވެރިރަށް ކިޝީނޯފް އެއާޕޯޓުގެ އެތެރޭގެ އުދުހުންތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނު މިޙާދިސާގައި ޙަމަލާ ދިން މީހާވެސް ވަނީ ޒަޚަމްވެފައި ކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެޤައުމުގެ ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މަލްޑޯވާގެ ޗީފް ޕްރޮސިކިއުޓަރު ކަމާއި ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި އިއުވާން މޮންތިއާނޫ ވިދާޅުވިގޮތުގައި މިޙާދިސާ އަކީ ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައިބަލައި މިހާރު ވަނީ ތަޙްޤީޤު ކުރަން ފަށާފައެވެ. އެހެނަސް ޙަމަލާ ދިން މީހާއާއި ހަތިޔާރުއެޅި އެއްވެސް ޖަމާޢަތަކާއި އެއްވެސް ގުޅުމެއް އޮތްކަން މިހާތަނަށް އަދި ސާފު ނުވާކަމަށް ވެސް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
މި ޙާދިސާގައި ބައި ގަޑިއިރެއްހާއިރުގެ ތެރޭގައި ހަތަރު ނުވަތަ ފަސް ފަހަރު ބަޑިޖެހި އަޑު އިވިފައި ވާކަމަށް އެއާޕޯޓުގައި އެވަގުތު ތިބި ބައެއް ފަރާތްތަކުން ރިޕޯޓަރުންނަށް މަޢުލޫމާތު ދީފައި ވެއެވެ.
2022 ވަނައަހަރު ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ފެށުނުފަހުން މަލްޑޯވާ އެއާޕޯޓު ޢާއްމު ގޮތެއްގައި އެންމެ ގިނައިން ބޭނުންކުރަނީ އަވަށްޓެރި ޔޫކްރޭންގެ ރައްޔިތުންނެވެ.

