އިންޑީއާގެ ހުޅަނގުގައި އޮންނަ މަހާރާޝްތްރަ ސްޓޭޓުގައި ބަހެއް އެކްސިޑެންޓްވެ އަލިފާން ރޯވުމުގެ ސަބަބުން 25 މީހަކު މަރުވެ 8 މީހަކު ޒަޚަމްވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭގެ ދަންވަރު 1:35ގައި ހިނގާފައިވާ މިޙާދިސާ ގައި އެކްސިޑެންޓަވި ބަހުގައި އަލިފާން ރޯވީ އޭގެ ޑީސަލްޓެންކް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށް އޭ.އެން.އައި. އާއި ޙަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައި ވެއެވެ.
ޙާދިސާ ހިނގި ވަގުތު ބަސް ދަތުރުކުރަމުން ދިޔައީ ނާގްޕޫރް އިން ޕޫނާ އަށް ކަމަށް ޚަބަރުލިބެއެވެ. ޙާދިސާގައި މަރުވި ގިނަ މީހުން މަރުވެފައި ވަނީ ފިހިގެންނެވެ.
މިޙާދިސާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ހިތާމައިގައި ބައިވެރިވާކަން އިޢުލާނު ކުރައްވާ މަހާރާޝްތްރަ ސްޓޭޓްގެ ޗީފް މިނިސްޓަރާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަކިވަކިން ކުރެއްވި ޓްވީޓްގައި ވަނީ، ގެއްލުން ލިބުނު ކޮންމެ ފަރާތަކަށް 700،000 (ހަތް ލައްކަ) އިންޑިއަން ރުޕީސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

