ފާއިތުވި އަންގާރަ ދުވަހު ފްރާންސްގެ ވެރިރަށް ޕެރިހުގެ ރަށްބޭރުގެ ޓައުނެއް ކަމަށްވާ ނަންޓޭރްގައި ޓްރެފިކް ޕޮލިހުން ބަޑިޖެހުމުގެ ސަބަބުން މަރުވި 17 އަހަރުގެ ޒުވާނާގެ މަރާއި އެކު ރުޅިގަދަވެފައިވާ ރައްޔިތުން ކުރަމުންދާ އިޙްތިޖާޖު މިދަނީ، ހައްތަހާވެސް ހޫނުވަމުންނެވެ.
މޮރޮކޯ އަދި ނައިޖީރިއާ ދަރިކޮޅަށް ނިސްބަތްވާ މި ޒުވާނާގެ ޖަނާޒާ މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފްރާންސްގެ ފުލުހުން އެޤައުމުގައި ދިރިއުޅޭ ޢަރަބި އަދި ކަޅުނަސްލުތަކަށް ނިސްބަތްވާ މީހުންނާއިމެދު ތަފާތު ކުރުންތައް ގެންގުޅޭކަމަށް އެޤައުމުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.
ރައްޔިތުންނާއި ފުލުހުންގެ ކުރިމަތިލުމަކަށް ފުރަތަމަ ދުވަހުވެސް ދިޔަ މި އިޙްތިޖާޖު ވަރުގަދަ ވަމުންގޮސް މިހާރު ވަނީ މުޅި ޕެރިހުގައި ކުރެވޭ އިޙްތިޖާޖަކަށް ބަދަލުވެފައެވެ. އިޙްތިޖާޖުގެ ބައިވެރިން ދަނީ ޢާއްމު ތަންތަނާއި މުދަލުގައި ހުޅު ޖަހަމުންނެވެ. ފިހާތައް ލޫޓުވުން ފަދަ ކަންކަން ވެސް މިހާރު ވަނީ ހިނގަން ފަށާފައެވެ.
އިޙްތިޖާޖުގެ ބައިވެރިން މިހާތަނަށް 2000 އުޅަނދެއަގައި އަލިފާން ރޯކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. 12 ބަހެއް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ވާއިރު، ޢާއްމު ޕާކުތައްފަދަ ތަންތަންވެސް އަނދަމުންދާކަމަށް ޚަބަރުލިބެއެވެ.

އިޙްތިޖާޖުގެ ބައިވެރިން ދަނީ ޢާއްމު ތަންތަނާއި މުދަލުގައި ހުޅުޖަހަމުން
އިޙްތިޖާޖުތަކުގައި ފުރަތަމަ ދުވަހު 9 މީހަކު ހައްޔަރު ކުރިއިރު ދެވަނަ ދުވަހު އެޢަދަދު ވަނީ 77 އަށް އަރާފައެވެ. ތިންވަނަ ދުވަހު 875 މީހުން ހައްޔަރު ކޮށްފައި ވާއިރު، ހަތަރު ވަނަ ދުވަހު ވަނީ 994 މީހަކު ހައްޔަރުކޮށްފައެވެ.
ރައްޔިތުން ހަމައަކަށް އެޅުވުމަށްޓަކައި 45،000 (ސާޅީސް ފަސްހާސް) ރަޔަޓް ފުލުހުން ލުއި ހަތިޔާރާއި އެކު، އުޅަނދުތަކުގައި މަގުތަކަށް، މިހާރު ނެރެފައި ވާއިރު، ރައީސް އިމެނުއަލް މެކްރޯން އަދިވެސް ޤައުމުގައި ކުއްލި ޙާލަތު އިޢުލާނު ކުރައްވާފައެއް ނުވެއެވެ.
އިޙްތިޖާޖުތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު މިހާތަނަށް ފުލުހުންގެ 200 ފަރާތެއް ވަނީ ޒަޚަމްވެފައެވެ. ޕެރިހުގެ ޢާއްމު ދިރިއުޅުން ހުސްޓުމަކަށް އަންނަނީ ކަމުގައި ވެސް ބުނެވިދާނެއެވެ. ޢާއްމު ދަތުރުފަތުރު ތަކާއި އިވެންޓުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ރައްޔިތުން ހަމައަކަށް އެޅުވުމަށް ފްރާންސް ފުލުހުން ޙަރަކާތްތެރިވަނީ
ޙާލަތު މިހެން އޮށްވާ ރައީސް މެކްރޯން އެލްޓަން ޖޯންގެ ކޮންސްޓަކަށް ވަޑައިގަތް ކަމަށްބުނެ ގިނަ ފަރާތްތަކަކުން ދަނީ އެބޭފުޅާއަށް ފާޑުކިއަމުންނެވެ.
ފްރާންސް ފުލުހުންގެ މިފަދަ ތަފާތުކުރުން ތަކުގައި ފާއިތުވި އަހަރުވެސް 13 މީހަކު މަރުވެފައި ވާއިރު، މިއަހަރުގެ މިހާތަނަށް 3 މަރެއް ވަނީ ނެފިގެން ގޮސްފައެވެ.
މިހާރު ފެންނަމުންދާ މަންޒަރުތަކުން ހަނދާނަށް ގެނުވަނީ 2005 ވަނަ އަހަރު 3 ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދެވުނު މިފަދަ އިޙްތިޖާޖުތަކެކެވެ. އޭރުގެ ރައީސް ޖެކް ޝިރާކަށް ޤައުމު ކުއްލިޙާލަތަކަށް ގެންނަން މަޖުބޫރުވި އެ އިޙްތިޖާޖުތައް ވެސް ފެށުނީ ފްރާންސްގެ ފުލުހުން ދެޒުވާނެއްގެ ގައިގައި ކަރަންޓު ޖައްސާ މަރާލި ޙާދިސާ އަކާއި ގުޅިގެންނެވެ.

