މިދިޔަ ޖޫން މަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ޖުމުލައެކު 746 މައްސަލަ ފުލުހުންނަށް ހުށަހަލާފައިވާއިރު، އޭގެ ތެރެއިން 172 މައްސަލައަކީ ވައްކަމާއި ބެހޭ މައްސަލަތަކެވެ.
ވައްކަމުގެ އިތުރުން އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ އެކްސިޑެންޓްއާއި ބެހޭ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓްއާއި ގުޅޭ 140 މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދަށްކައެވެ.
މީގެ އިތުރުން ދެން ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، މުދަލަށް ގެއްްލުން ދިނުމުގެ 39 މައްސަލަ، މަކަރާއި ހީލަތުގެ 55 މައްސަލަ، އަނިޔާކުރުމުގެ 45 މައްސަލަ، ގެވެށި އަނިޔާގެ 11 މައްސަލަ ހިމެނެއެވެ. އަދި ޖިންސީ ގޯނާގެ 20 މައްސަލަ، ފޯޖްކުރުމުގެ 9 މައްސަލަ، މަސްތުވާތަކެއްޗާއި ގުޅޭ 117 މައްސަލައިގެ އިތުރުން އެއްޗެހި ގެއްލުމުގެ 116 މައްސަލަ ހުށަހެޅިފައިވެއެވެ.
ކޮންމެ މަހެއް ނިމުމުން ފުލުހުންގެ ތަފާތު ހިސާބުތައް ނެރޭ އިރު އާންމު ގޮތެއްގައި އަބަދުވެސް އެންމެ ގިނައީ ވައްކަމާއި ގުޅޭ މައްސަލަ މައްސަލަ ތަކެވެ.
ނިމިދިޔަ ޖޫން މަހަކީ ބޮޑެތި ގިނަ އެކްސިޑެންޓްތަކެއް ހިނގާފައިވާ މަހެއްކަން ފާހަގަކުރެވެއެވެ.
މުޖުތަމައު ތެރޭ ހިނގާ މިފަދަ ހާދިސާތައް މަދުކުރުމުގެ ގޮތުން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މި ފަދަ ހާދިސާތައް ހިނގުން މަދު ކުރުމުގެ ގޮތުން ރަށްރަށުގަ އާއި އަދި އެކި ވަސީލަތްތައް ބޭނުންކޮށްގެން އާންމުން ކަންތައްތަކަށް ހޭލުންތެރިކުރުމަށް އެބޭފުޅުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.

