1444 ވަނަ އަހަރުގެ އަޟުޙާ ޢީދު ފާހަގަކުރުމަށް ތިނަދޫގެ ބޮޑެތި މަގުތަކުގައި މޯލްޑިވްސް ނޭޝަނަލް ޑި ފެންސް ފޯސް، އެމްއެންޑީއެފްގެ ޕެރޭޑެއް ބާއްވަން ނިންމާފައިވާ ކަމަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވެއްޖެއެވެ.
ހުވަދޫ މީޑިއާއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ރައީސް ސައުދު ޢަލީ މިއަދު ވިދާޅުވީ އަޟުޙާ ޢީދު ފާހަގަކުރުމަށް ތިނަދޫގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފްގެ ޕެރޭޑެއް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ހަވީރު ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑި ފެންސް ފޯސް ގެ ބްރާސް ބޭންޑް ތިނަދޫ އައުމަށް ހަމަޖެހިފައިވަނީ ޖުލައި 3 ވަނަ ދުވަހުގެ މެންދުރު ކުރިން ކަމަށާއި ޕެރޭޑެއް ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އާއި ވާހަކަ ދައްކައި ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.
ތިނަދޫ ކައުންސިލް ރައީސްގެ ދައުވަތަކަށް އެމްއެންޑީއެފް ގެ ބްރާސް ބޭންޑްގެ ޕެރޭޑެއް ތިނަދޫގެ ބޮޑެތި މަގުތަކުގައި ބާއްވަން ނިންމާފައި ވާއިރު، މިފަހަރުގެ ޢީދު ފާހަގަ ކުރުމަށް ތިނަދޫގައި އެއްވެސް ހަރަކާތެއް ގެންގޮސްފައި ނުވާތީ ރަށުގެ ރައްޔިތުންގެ ފާޑު ކިޔުންތައް ރައީސަށް އަމާޒުވެ، އޮންލައިން މީޑިއާ ތަކާއި ސޯޝަލް މީޑިއާ އަދި އާންމުންގެ ތެރޭގައި ތަފާތު ވާހަކަތައް ގިނަވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
މި އަހަރުގެ އަޟުޙާ ޢީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް އީދުގެ ހަރަކާތްތައްދަނީ ކުރިއަށް ގެންދަމުންނެވެ.

