އިދިކޮޅި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް އިންސާފުވެރި ޝަރީއަތެއް ހައްގުކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް-ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްއިން ގުޅިގެން ފަށާފައިވާ ސިޔާސީ މަޝްވަރާތަކުން، ބައްދަލުވުމެއް ބޭއްވުމަށްފަހު މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ބޭއްވި ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ، ޔާމީންއަށް ރަނގަޅު އިންސާފުވެރި ޝަރީއަތެއް ހައްގުވާ ކަމަށެވެ. އަދި އެކަމަށް މަސައްކަތްކޮށް ގޮވާލުމަކީ އޭގައި ގޯހެއް އޮތް ކަމެއްކަމަށް ގަބޫލުނުކުރާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް މާދަމާމާދަމާގެ 09:30 އަށް ވަނީ ތާވަލްކޮށްފައެވެެ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދަޢުވާއެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް 6 ފަރާތެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.
ނަމަވެސް މި ދެ ބޭފުޅުންނަކީ ރައީސް ޔާމީންއާއި ދެކޮޅު ފަރާތްތަކެއް ކަމުން، ޔާމީންއާއި ދެކޮޅަށް އަދީބްއާއި ޒިޔަތުގެ ހެކިބަސް ނުނެގޭނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުވަނީ ފާހަގަކޮށްފައެވެ.

