ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރާ 12 މެންބަރަކު އިސްވެތިބެ އުފެއްދުމަށް މަސައްކަތްކުރާ ” ދަ ޑިމޮކްރެޓްސް” ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުއްދަ ދީފިއެވެ.
މިކަން ހާމަކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދެއްވައިފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީ ރަޖިސްޓްރީ ކުރަން ބާއްވާ ޖަލްސާގައި މަދުވެގެން 300 މީހުން ބައިވެރިވާން ޖެހޭނެއެވެ. އެޖަލްސާގައި ބައިވެރިވާ މެންބަރުންގެ ނަމާއި އެޑްރެހާއި ފޯން ނަމްބަރުވެސް އިލެކްޝަންސް ކޮމިޝަންއަށް ފޯރުކޮށްދޭން ޖެހޭނެއެވެ.
އަދި ޕާޓީ އުފެއްދުމުގެ ޖަލްސާގައި ޕާޓީގެ ނަމާއި، ކުލަ އާއި، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ މަގާމުތަކަށް މީހުން އިންތިހާބު ކުރެވެންދެން މަގާމުތައް ފުރާނެ ފަރާތްތައް ވެސް ކަނޑައަޅަން ޖެހޭނެއެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ހުށަހެޅީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. ޑިމޮކްރެޓްސް އިން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ނުފޫޒު ފޯރުވައިގެން އެޕާޓީއަށް ހުއްދަ ދިނުން އިލެކްޝަންސް ކޮމިޝަނުން ވަނީ ލަސްކޮށްފައެވެ.
ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުން”ގެ މަޖިލިސް މެންބަރުން އަދި އެމްޑީޕީގެ އިސް އޮފިޝަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށް އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ 17 ގައެވެ. އެއަށްފަހު މިދިޔަ މަހުގެ 21 ގައި ޑިމޮކްރެޓްސްއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގައެވެ.

