ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައިގެ މިއަދުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.
ޢީދު ޗުއްޓީގެ ކުރިން ތިން ދުވަހު އެ ޝަރީއަތުގެ އަޑުއެހުން ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފައެވެ. މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ މައްސަލައިގެ ދަޢުވާ ލިބޭ އަހަުމަދު ކްރިކް ރިޒާ ބަލިވޭ އުޅޭތީއެވެ.
ފުއްގިރި މައްސަލައިގައި ޔާމީން އާއި ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ދައުވާ ކުރެއެވެ.
މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވީ ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ގާތު ގާތު ތާވަލްކޮށްފައެވެ. އެ ގޮތުން މި ހަފްތާގެ އަންގާރަ ބުދަ ދުވަހުގެ އިތުރުން މި މަހުގެ 9، 11، އަދި 13 ވަނަ ދުވަހަށްވެސް ވަނީ އަޑުއެހުންތައް ތާވަލްކޮށްފައެވެ.
ފުއްގިރި މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފާއިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގްގެ ދަޢުވާއެވެ.
އެ ދައުވާތައް ސާބިތުކޮސްދިނުމަށް ދައުލަތުން ހުށަހަޅާ ޝަފަވީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، މިހާތަނަށް 6 ފަރާތެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އޭގެތެރޭގައި އެމްއެމްޕީއާރުސީހެ ޙިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.
ނަމަވެސް މި ދެ ބޭފުޅުންނަކީ ރައީސް ޔާމީންއާއި ދެކޮޅު ފަރާތްތަކެއް ކަމުން، ޔާމީންއާއި ދެކޮޅަށް އަދީބްއާއި ޒިޔަތުގެ ހެކިބަސް ނުނެގޭނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުވަނީ ފާހަގަކޮށްފައެވެ.

