ދިވެހި އިތުރު ހައްޖުވެރިޔަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ، ނ. ހޮޅުދޫ، 70 އަހަރުގެ ގާސިމް އިބްރާހިމް (ޤާސިމްބެ) އެވެ.
ޤާސިމް ނިޔާވެފައިވަނީ، ރޭގެ ފަތިހުގެ ވަގުތެއްގައި ކުއްލި ގޮތަކަށް މައްކާގައެވެ.
އުމުރުން 70 އަހަރުގެ ޤާސިމް އިބްރާހީމް އަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހެކެވެ. އޭނާ ނިޔާވީ އޭނާ ހުންނަ ހޮޓަލުގައެވެ.
މިއީ މިއަހަރު ހައްޖަށް ދިޔަ ފަހުން ސައުދީ އަރަބިއްޔާގައި ނިޔާވި ދިވެހި ތިންވަނަ ހައްޖުވެރިޔާ އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އަލީ ހަސަން (72)، ދ. މާއެނބޫދޫ، ފިޔާތޮށިގެ ވަނީ އިއްޔެ ނިޔާވެފައެވެ. އަދި އޭގެ ކުރިން މިދިޔަ ހުކުރު ދުވަހުވެސް ވަނީ ހައްޖުވެރިޔަކު ނިޔާވެފައެވެ. ހުކުރު ދުވަހު ނިޔާވެފައިވަނީ މުހައްމަދު ނަސީމް އަލީ އެވެ.
ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖެ އިން މިއަހަރު ސައުދީ އަރަބިއްޔާއަށް ދިޔަ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ މިމަހުގެ 07 ވަނަ ދުވަހުން ފެށިގެންނެވެ.
މީގެ އިތުރުން ރާއްޖެއިން ހައްޖަށް ދިޔަ ދެ ދިވެއްސެއްގެ ހާލު ދެރަވެ ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ. އެއީ 85 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ އަންހެނަކަށެވެ. އެ ދެމީހުންނަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. އެ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ފެށީ ހައްޖު ދުވަހުގެ ކުރީންނެވެ.

