ސަރުކާރުގެ ބިންވެރިޔާ ޕްރޮމޯޝަންގެ ދަށުން މި ބުރުގައި 6،200 ގޯތި ދޭން ނިންމައި، އަންނަ މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތައް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.
ކ.ގުޅިފަޅުން އިތުރަށް ބިން ހިއްކުމަށް އެ ރަށުގައި ބޭއްވި ރަސްމިޔާތުގައި ރައިސް ޞޯލިހް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރު ފަޅުން ގޯތި ދިނުމަށް ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި އަދި ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޭނެ ކަމަށާއި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިއީ މިނިސްޓަރ އަސްލަމް ވިދާޅުވި އަދަދަށްވުރެ ވެސް ކުޑަ ތަންކޮޅެއް އިތުރު އަދަދެއްކަމަށް ރައީސް ވިދާޅުވިއެވެ.

