ނަމާދަކީ ތިބާ ވީ ކޮންމެ ތަނެއްގައި ކޮންމެ ޙާލެއްގައި ކުރަން އަމުރުކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ތިބާއާއި ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން އެންމެ ކުޑަ ހިނދުކޮޅަކަށްވެސް ހީނަރު ވިޔަ ނުދިނުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ލައްވާފައިވާ ރަޙްމަތެކެވެ. އެއީ ތިބާއަށް އޮތް ބުރައެއް ނޫނެވެ. ތިބާއަށް ދެއްވުނު ހަދިޔާއެކެވެ.
އިންޑޮނޭޝިޔާގެ މުސްލިމް ޑައިވަރުންތަކެއް ކަނޑުއަޑީގައި ނަމާދު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިފަހުން ވަނީ ވައިރަލް ވެފައެވެ. އެމީހުންތިބީ އެމީހުންގެ ވެރި އިލާހަށް ނުހަނު ކިޔަމަންތެރި ކަމާއިއެކުގައެވެ. އަދި އެމީހުންގެ ރައްބު ވަނީ އެމީހުން ރައްކާތެރި ކޮށްދެއްވާފައެވެ.
މިޑައިވަރުންތައް ކަނޑުއަޑީގައި ތިއްބާ އެމީހުންނަށް ބަންގީގެ އަޑު އިވުނެވެ. ކަނޑުއަޑީގައި ތިއްބާ ބަންގީގެ އަޑު އިވުމަކީވެސް ކުޑަ އަޖައިބެއް ނޫނެވެ.
ހުރިހާ ޑައިވަރުން ފީނުން ހުއްޓާލިއެވެ. އަދި ސަފުގައި އެތުރި ނަމާދު ކުރަން ފެށިއެވެ. ކުއްލިއަކާ އެތަނަށް އައީ ބޮޑު މިޔަރެކެވެ. އެހެނަސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ކިޔަމަންތެރި އަޅުން ނަމާދު ދޫކޮށްލާފައި ފިލަން މަސައްކަތެއް ނުކުރެއެވެ.
އެމީހުންގެ ނަމާދު ކުރިއަށް ގެންދިޔައެވެ. ޚުޝޫޢަތްތެރިކަމާއި، މަޑުމައިތިރިކަމާއި، ކިޔަމަންތެރި ކަމުގައެވެ. މިޑައިވަރުންނާއި ދިމާއަށް އައި މިޔަރު އެމީހުންނަށް ޙަމަލާއެއް ނުދިނެވެ. އަދި އެނބުރި ދިޔައީއެވެ.
މި ފުރިހަމަ ވީޑިއޯއިން ވެސް މި ފެނުނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއި ބާރުވެރިކަމެވެ. އެއިލާހީ، އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ، ބައްލަވާ ވޮޑިގެންވާ، އައްސަވާވޮޑިގެންވާ އިލާހު ކަމެވެ. މި ކާއިނާތުގެ އެންމެހާ ކަމެއް ރާއްވަވާ ހިންގަވަނީ ހަމައެކަނި އެފަރާތުންކަމެވެ.
ބައެއް މީހުން މިކަން ދޮގުކުރި އިރު، އަނެއް ބަޔަކު މިޑައިވަރުންގެ ހިއްވަރަށް ތަޢުރީފު ކުރިއެވެ. މި ޑައިވަރުން އެމީހުންގެ ފުރާނަތައް ނުރައްކަލުގެ ތެރެއަށް އެއްލައިލީ ކަމުގައިވެސް ބައެއް މީހުން ބުންޏެވެ.
މިފަދަ އެހެން ޙާދިސާ އެއްވެސް ތަންކޮޅެއް ކުރިން ފެނިގެން ދިޔައެވެ. ފަލަސްޠީނުގެ ބައްޕައަކާއި ދަރިޔަކު މަގެއްގެ މަތީގައި ނަމާދަށް ތިއްބެވެ. މިކަން ހަޖަމްނުވެގެން އިސްރާއީލު މީހަކު އެ ދެބަފައިންނާއި ދިމާއަށް އެމީހުންގެ އަތުގައިވާ ޝިކާރަކުރާ ޒާތުގެ ކުއްތާއެއް ފޮނުވިއެވެ.
އޭތި ވަރަށް ބާރަށް ދުވެފައި ދިޔައެވެ. އެހެނަސް ވަކި ހިސާބަކުން ހުއްޓުނެވެ. އެ ދެބަފައިންނަށް އޭތި ޙަމަލާއެއް ނުދިނެވެ. އެހެނަސް އެމީހުންނާއި ދިމާއަށް ވެނެމުންދިޔައެވެ. ނަމާދަށް އިން އެމީހާ އުޑާއި ދިމާއަށް އިނގިލި ދިއްކޮށްލާ މަންޒަރު ފެނުނެވެ. ކުއްތާ ވެނުން ހުއްޓާލައި އެތާނގައި ބަނޑުޖެހިއެވެ. މިއިން ދޭހަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން ފިޔަވައި އެހެން ކޮންކަމެއްތޯއެވެ؟

