ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޝިހާބު އެ މަގާމަށް ޢައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރައީސް ސޯލިހްގެ އެޑްވައިޒަރުގެ މަގާމުން ޝިހާބް އިސްތިއުފާ ދެއްވިކަން ރާއްޖޭގެ މީޑިއާ އަކަށް ކަށަވަރުކޮށް ދެއްވައިފައެވެ. ނަމަވެސް ، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް މިއުވާން ހާމަކޮށްފައެއް ނުވެއެވެ.
ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވުޒާރާއެއްގެ ވަޒީރުކަމާއި މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް ސޯލިހްގެ އެޑްވައިޒަރަކަށް ޝިހާބް ހުންނެވި ނަމަވެސް މިދިޔަ ޖެނުއަރީ މަހުން ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ޝިހާބް ވަކިކޮޅެއް ނަންގަވާފައެއް ނުވެއެވެ.
ރައީސް ސޯލިހާއި ނަޝީދުގެ ވާދަވެރިކަން ފެނިގެން ދިޔަ ޕްރައިމަރީގައި ޝިހާބް އެއްވެސް ޖަލްސާއަކުން ފެނިފައި ނުވާއިރު، ކެމްޕެއިން ދަތުރުތަކުގައި ވެސް ޝިހާބް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
“ފިކުރެއްގެ ދިރުން” ނަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތެއް ހިންގެވި ދުވަސްކޮޅުގައި ޝިހާބާއި ނަޝީދުގެ އަރިސް ބޭފުޅުންގެ ޓީމެއް މިދިޔަ މާޗް މަހު ސަން އައިލެންޑަށް ވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވާފައިވެއެވެ.
ޝިހާބަކީ ކުރިން ޖޭޕީގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޑީޕީ ދެބައިވެ، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ” ދަ ޑިމޮކްރެޓްސް” ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ތައްޔާރީތައް ދަނީ ވަމުންނެވެ. އެ ގޮތުން އެ ޕާޓީ އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސ) އިން މިއަދުވަނީ ދެއްވާފައެވެ.

