ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހުށަހެޅި ހުށަހެޅުމަކަށް މިއަދު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައި، ކުޑަ އިރުކޮޅެއްގެ ތެރޭ ޖަލްސާ ނިންމާލައިފިއެވެ.
ޖަލްސާ ފެށުމުގެ ކުރިން ސޮލަވާތް ކިޔެވުމާއި އެޖެންޑާގެ ނަމްބަރު ކިޔުން ފަދަ ރަސްމީ ބައިތައް ނުހިމަނާ ޖަލްސާއަށް މިއަދު ހޭދަވީ ގާތްގަނޑަކަށް 50 ސިކުންތެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުއެވެ. އޭނާ ވަނީ ޖަލްސާ ފެށުމަށް ފަހު ރައްޔިތުން މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް އައިސްފައިވާ ބަދަލުތައް ވިދާޅުވެ ދެއްވާފައެެވެ. އެގޮތުން ވަކި ޕާޓީތަކަށް ނިސްބަތްވާ މިންވަރު އިތުރުވެފައިވާ ކަން އަފީފް ފާހަގަކުރިއެެވެ.
އަފީފް ވިދާޅުވީ ކޮމެޓީތަކަށް އަންނަ ބަދަލާއި ގުޅޭ ގޮތުން މިހާރު ހުށައެޅިފައިވާ ރިޕޯޓަށް ބަދަލުތައް ގެންނަންޖެހޭ ކަމަށާއި ޖަލްސާ ކުރިއަށް ގެންދެވޭނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެންބަރުންނަށް ފޯރުކޮށްދިނުމަށް ފަހުކަމަށެވެ.
މިއަދު އަފީފް ޖަލްސާ ނިންމާލަން މަސައްކަތް ކުރަން ފެށުމުން އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަގަން މަސައްކަތް ކުރިއެވެ. ނަމަވެސް ނިޒާމީ ނުކުތާ ނަގަން އެއްވެސް މެންބަރަކަށް އަފީފް ފުރުސަތެއް ނުދެއްވިއެވެ.
މިއަަދު މަޖިލީހުގައި އިއުލާން ކުރި ގޮތުގައި މިހާރު އެމްޑީޕީގައި ތިބީ 54 މެންބަރުންނެވެ. އަދި ދެން ޖަލްސާއެއް އޮންނާނެ ދުވަހެއް އިއުލާންކޮށްފައެއް ނުވެއެވެ.

