ކުރީގެ ރައީސް، އަދި ޕީޕީއެމް- ޕީއެންސީގެ ލީޑަރ ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމްގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމެއް ބުދަ ދުވަހަކަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
ދަޢުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިން ގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ޔާމީން ވަނީ އެ ޝަރީޢަތް އަވަސްކޮށްދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ.
އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ބާއްވަން ތާވަލް ކޮށްފައިވާއިރު، އިއްޔެ ބާއްވަން ތާވަލްކުރި ޝަރީއަތުގެ އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.
ޢީދު ޗުއްޓީގެ ކުރިން ތިން ދުވަހު އެ ޝަރީއަތުގެ އަޑުއެހުން ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފައެވެ. އިއްޔެގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ މައްސަލައިގެ ދަޢުވާ ލިބޭ އަހަުމަދު ކްރިކް ރިޒާ ބަލިވޭ އުޅޭތީއެވެ.
ފުއްގިރި މައްސަލައިގައި ޔާމީން އާއި ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ދައުވާ ކުރެއެވެ.
ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާއިރު، ޖިނާޢި ދައުވާއެއް ސާބިތުވެފައި އޮތުމަކީ އެ ފުރުސަތު ގެއްލޭކަމަކަށްވާތީ، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވައި، އެ މައްސަލައިގައި ވަކި ގޮތެއް ނިންމުމަށް އިދިކޮޅުން ޕީޕީއެމްއިންވެސް އަންނަނީ ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވައިލަމުންނެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮގަސްޓުމަހުގެ ތިން ވަނަ ދުވަހަށް ބަންދުވާއިރު، ރައީީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމަށް ހުރަސް އެޅުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނަންގަވާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.
ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިހާރުވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދެއެވެ.
ފުއްގިރި މައްސަލައިގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެއެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމައަށް ތާވަލުކޮށްފައިވާއިރު، މި މަހުގެ 6، 9، 11 އަދި 13 ވަނަ ދުވަހަށްވެސް އިތުރު އަޑުއެހުންތަކެއް ތާވަލުކޮށްފައިވެއެވެ.

