މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ކުރިއަށް ދާނަމަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން 1 މައްސަލަ އަނބުރާ ގެންދިޔުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ އެއްވެސް މައްސަލައެއް އަނބުރާ ގެންދިޔުމުގެ ވިސްނުމެއް ނެތްކަމަށެވެ. އެއީ މިއިން ކޮންމެ މައްސަލައެއްވެސް ހުށަހަޅާފައިވަނީ ގިނަ މެމްބަރުތަކެއްގެ ސޮޔާއިއެކު ކަމަށް ވާތީކަމަށް އަސްލަމް ވިދާޅުވި އެވެ.
އެހެންނަމަވެސް އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ކުރިއަށް ގެންދާނަމަ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިޔުމާއި ގުޅޭ މަޝްވަރާތައް ކުރެވުނީސްކަމަށެވެ.
50 މެމްބަރުންގެ ސޮޔާއިއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާއިރު، އޭގެ ފަހުން 54 މެމްބަރުންގެ ސޮޔާއިއެކު ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއްވެސް އެމްޑީޕީންވަނީ ވައްދައިފަ އެވެ. މައްސަލަތައް ވެއްދުމާއިއެކު އެ ދެބޭފުޅުންވެސް ވަނީ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެއާއިއެކު ދެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތީ ނުފެނި އެވެ.
މިދޔަ ދެ ހަފްތާގައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މަޖިލީސް ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީއަށް ދިޔައީ މި ފަދަ ގިނަ މައްސަލަތަކެއް ނުނިމި ހުއްޓައެވެ.
މިއަދު އެމްޑީޕީގެ ދެންނެވުމަކަށް ވަނީ މަޖިލީސް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައެވެ. ނަމަވެސް ޖަލްސާ ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭވަނީ ޖަލްސާ ނިންމާލާފައެވެ.

