ފަލަސްޠީނުގެ ހުޅަނގުއައްސޭރީގެ ޖެނީންކޭމްޕަށް ރޭ ދަންވަރު އިސްރާއީލުން ދިން މިސައިލް ޙަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު 7 އަށް އަރައިފިއެވެ. އިސްރާއީލުން ބުނެފައިވަނީ، ޖެނީން ކޭމްޕްގައި ކުރިއަށް ގެންދިޔައީ ބަލައި ފާސްކުރުމުގެ ޙަރަކާތެއް ކަމަށެވެ.
ފަލަސްޠީނު ސަރުކާރުގެ އޮފިޝަލުންނާއި، މަންޒަރު ދުށް ފަރާތްތަކާއި ޙަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ހޯމަދުވަސް ފެށުނުތަނާ ޖެނީންގެ ޢިމާރާތްތަކަށް ވަނީ 10 މިސައިލެއް އަރާފައެވެ. އަދި ޙަމަލާތަށް އަމާޒުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލު ސިފައިންގެ އުޅަނދުތަށް ކޭމްޕާއި ދިމާއަށް އަންނާތީ ފެނުނެވެ.
މަތިން ބޮންއެޅުމަށް ފަހު، އުޅަނދުތައް ކޭމްޕަށް ވަދެގަތީ.
ޖެނީންގައި ޙަރަކާތްތެރިވާ ފަލަސްޠީނު ރެޑްކްރެސެންޓްގެ ޑައިރެކްޓަރ މަޙްމޫދް އައްސަޢްދީ އޭ.އެފް.ޕީ. އަށް ވިދާޅުވިއެވެ.
މި ޙަމަލާތަކުގެ ތެރޭގައި 7 މީހަކު ޝަހީދުވެފައި ވާކަމަށާއި، އިތުރު 24 މީހަކު ޒަޚަމްވެފައި ވާއިރު އޭގެ ތެރެއިން އެތައް ބަޔަކު ތިބީ ވަރަށް ސީރިއަސް ޙާލަތެއްގައި ކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ.
އިތުރު ޙަމަލާއެއްގައި، ހުޅަނގު އައްސޭރީގެ ރާމަﷲ ސަޙަރުގެ ކައިރިން ފަލަސްޠީނުގެ އިތުރު ޒުވާނަކަށް ބަޑިން ޙަމަލާދީ ޝަހީދު ކޮށްލާފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.
ޙަމަލާދީފައި ވަނީ "ހަނގުރާމަވެރިން ގުޅިގެން މަސައްކަތްކުރާ މަރުކަޒަކަށް" ކަމަށާއި، އެތަނަކީ ފަލަސްޠީނުގެ ތަފާތު ހަނގުރާމަވެރި ޖަމާޢަތްތަކުން ބައިވެރިވެގެން އުފައްދާފައިވާ ޖެނީން ބްރިގޭޑްސްގެ ކޮމާންޑް ސެންޓަރެއް ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޖެނީން ކޭމްޕް ބަންދުކޮށް އެސަރަޙައްދުގައި އިސްރާއީލު ސިފައިންގެ 150 އެއްހާ ހަތިޔާރު އެޅި އުޅަނދުގައި 1000 އެއްހާ ސިފައިން ޙަރަކާތްތެރި ވަމުންދާ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރެއެވެ. ސިފައިން ދަނީ ވަކިވަކި ގެތައް ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ މީހުން ހައްޔަރު ކުރަމުން ކަމަށްވެސް ޚަބަރުލިބެއެވެ.

ޖެނީން ކޭމްޕުން ދަނީ ދުން އަރަމުން
ޒަޚަމްވެފައިވާ މީހުން އަވަހަށް ކޭމްޕުންނެރެ އެމީހުންނަށް ބޭނުންވާ އަވަސް އެހީއާއި ހަމައަށް ގެންދިއުމުގެ މަދު ފަހިކޮށްދިނުމަށް ފަލަސްޠީނުގެ ރެޑްކްރެސެންޓް ސޮސައިޓީން ވަނީ ގޮވާލާފައެވެ. އަދި މިކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކުން އިސްރާއީލަށް ބާރު އެޅުމަށްވެސް އެފަރާތުން ގޮވާލައެވެ.
މިއީ، 2006 ވަނަ އަހަރަށްފަހު އިސްރާއީލުން ހިންގާ ބަލައިފާސްކުރުމެއްގައި ޖެނީން ކޭމްޕަށް ވައިގެ ޙަމަލާ ދިން ދެވަނަ ފަހަރެވެ. މިފަދަ ފުރަތަމަ ޙަމަލާ ދީފައިވަނީ، ފާއިތުވި ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ޖޫންމަހުގެ 19 ވަނަދުވަހުވެސް ޖެނީންކޭމްޕަށް އިސްރާއީލު ސިފައިން ވަދެގަތެވެ. އެދުވަހު ވެސް ފަލަސްޠީނުގެ 5 މީހަކު ޝަހީދުކޮށްލައި، 91 މީހަކު ވަނީ ޒަޚަމް ކޮށްލާފައެވެ.

