ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން، މިވަގުތު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ކެމްޕޭނުގައި މާލޭގަ ތިބި ހުރިހާ ގެތަކަށް ޒިޔާރަތްކޮށް އެބޭފުޅުންގެ ޙިޔާލާާއި އަދި އެބޭފުޅުންގެ މައުލޫމާތުތައް އޮޅުން ފިލުވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ހަރަކާތް .– ފޮޓޯ: ޕީޕީއެމް
އެމްޑީޕީ ތެރެއިން އުފެދުނު ޑިމޮކްރެޓްއާ އެކު ދެ ވަނަ ބުރެއްގައި އެއްކޮށް މަސައްކަތްކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ "އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންއިން ޔާމީނާ އެއްކޮށް ނުކުމެ މި އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން. ދެވަނަ ބުރަކަށް ދާން ވިސްނުމެއް އަޅުގަނޑުމެންގެއެއް ނެތް. ރައީސް ޔާމީނާއެކު ނުކުތީމާ އަޅުގަނޑުމެން ދެވަނަ ބުރަކަށް ދާކަށް ނުޖެހޭނެ" ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ހަރަކާތް .– ފޮޓޯ: ޕީޕީއެމް
އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކެމްޕެއިން ދަތުރުތައް އަތޮޅުތެރެޔަށް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެކަމަކު ފުރަތަމަ މިފެށީ މާލޭގެ ގެތަކަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ކަމަށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ގާނޫނީ ހައިސިއްޔަތެއް މިވަގުތަކު ނެތެވެ. ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ޔާމީނަށް އޮތް ފުރުސަތަކީ އިސްތިއުނާފީ ހުށަހެޅުންތައް ވެސް އަދި ނުނިމި އޮތް އެ މައްސަލަ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭ ނިމި ހުކުމް ބާތިލްކުރުމެވެ.

