އާދީއްތަދުވަހުގެ ރޭ ދަންވަރުގެ ވަރުތެއްގައި 4 މިސައިލް ޙަމަލާއާއި އެކު ޖެނީނަށް އިސްރާއީލު ސިފައިން ބަރުހަތިޔާރާއި އެކު ވަދެގަތްފަހުން އަދި މިހާތަނަށް ޙަމަލާތައް ހުއްޓާލާފައެއް ނުވެއެވެ.
އިސްރާއީލުން ބުނަނީ ކޭމްޕްތަކުގެ ތެރޭގައިވާ ހަނގުރާމަވެރިންގެ ކޮމާންޑް ސެންޓަރެއް ބަލައި ފާސްކުރަނީ ކަމަށެވެ. 150 އެއްހާ ސިފައިން ހަތިޔާރާއިއެކު ޙަރަކާތްތެރިވަމުން ދާއިރު، ޝަހީދުވަމުންދާ ފަލަސްޠީނު ރައްޔިތުންގެ ޢަދަދު ހުއްޓުމެއް ނެތި ދަނީ މައްޗަށެވެ.
އިސްރާއީލުން ބުނަނީ، އަދިވެސް ބަލައިފާސްކުރަންޖެހޭ 10 ތަނެއް އެބަހުރި ކަމަށާއި، ހުރިހާ ހަނގުރާމަވެރިން ހައްޔަރު ކުރެވެންދެން ޙަމަލާތަށް ކުރިއަށް ދާނެކަމަށެވެ.
މިހާތަނަށް ޝަހީދުވި މީހުންގެ ޢަދަދު
ދަންވަރުގެ ވަގުތުގައިވެސް ބަޑިޖަހާއަޑާއި ގޮވާތަކެތީގެ އަޑު ދޭތެރެ ދޭތެރެއިން އިވެމުން ދިޔަ ކަމަށް ރިޕޯޓަރުން ބުނެފައި ވެއެވެ. ޝަހީދުވި މީހުންގެ ޢަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ. އެތައްސަތޭކަ މީހުން ޒަޚަވެ ހޮސްޕިޓަލްތަކުގައި އެބަތިއްބެވެ. އޭގެ ތެރެއިން މަދުވެގެން 20 މީހެއްގެ ޙާލު ސީރިއަސް ކަމަށްވެއެވެ.

ޝަހީދުންގެ ޢާއިލާތަކަށް ބޮޑު ހިތާމައެއް
ޞިއްޙީ އެހީ އަށް ހުރަސް ނާޅާ! – ޑޮކްޓާސް ވިތައުޓް ބޯޑަރސް
ޖެނީން އަށް ވަދެވެން އޮންނަ ހުރިހާ މަގުތަކެއް އިސްރާއީލުން ބަނދުކޮށްފައި އޮތުމުން އެކަން ކުށްވެރިކޮށް، ބައިނަލްއަގުވާމީ އިންސާނީ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ ޑޮކްޓަރސް ވިތައުޓް ބޯޑާސް އިން ވަނީ، ޞިއްޙީ އެހީ، ޖެނީންއަށް އެއްވެސް ހުރަހެއް ނެތި ވެއްދުމުގެ ހުއްދަ ދިނުމަށް އެފަރާތުން ގޮވާލާ ކަމަށެވެ.
އިސްރާއީލުގެ ޙަމަލާތަކުގައި ގެއްލުން ލިބެމުންދަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ޖެނީންގެ އެތައް ހޮސްޕިޓަލްތަކެއް ވެސް މިޙަމަލާތަކުން މިހާރު ވަނީ ހަލާކު ވެފައެވެ.
ހަމަ އެހެންމެ ޖެނީންގެ އެތެރޭގައި ޙަރަކާތްތެރިވާ ޞިއްޙީ އެހީދޭ ފަރާތްތަކަށް ވެސް ޖެނީންގެ އެތެރޭގައި އެފަރާތްތަކުގެ އުޅަނދުތައް ދުއްވުން މަނާކޮށް، އިސްރާއީލުން ވަނީ ފައިމަގުގައި އުޅުމަށް އެފަރާތްތަކަށް މަޖުބޫރު ކޮށްފައެވެ.
ބައިނަލްއަގުވާމީ މުޖުތަމަޢްއާއި، އދ. ގެ ޒިންމާ ކޮބާ؟

ޖެނީން ކޭމްޕްގެ ރެފިއުޖީން ބިރުވެރި ކަމެއްގައި
ފަލަސްޠީނުގެ މަންދޫބުން ވަނީ، މިކަމުގައި އދ. ގެ "އެއްވެސް ޒިންމާއެއް އޮތްތޯ؟" ސުވާލު އުފައްދާފައެވެ. އިސްރާއީލުން އަތްގަދަކޮށް ޢާއްމުންގެ ދިރިއުޅުމަށް ހުރަސްތައް ކުރިމަތި ކޮށްފައިވާ ހުޅަންގު އައްސޭރީގެ ޖެނީންގެ ފޭލިގެތަކުގައި ދިރިއުޅޭ ރެފިއުޖީންނާއިމެދު އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއި މެދު ބައިނަލްއަގުވާމީ މުޖުތަމަޢްގެ އެއްވެސް ޒިންމާއެއް އޮތްތޯ ވެސް އެފަރާތުން ސުވާލު ކުރެއެވެ.
އިސްރާއީލުން އިންސާނީ ޙުރުމަތަށް ބެލުމެއް ނެތި ހިންގާ ޓެރަރިޒަމްގެ ޢަމަލުތައް ޙައްދުފަހަނަ އަޅަމުންދާއިރު، މިކަމަކީ މުޅި ދުނިޔެއަށް ވެސް ސާފުކޮށް ފެންނަން އޮތް ކަމެއް.
ފަލަސްޠީނުގެ މަންދޫބުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ރެފިއުޖީންގެ ޙާލުގައި ތިއްބާ، ވަގުތީ ހިޔާތަކަށް
އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން، 18،000 ރައްޔިތުންގެ އާބާދީއެއް އޮންނަ ޖެނީން އިން މިހާތަނަށް 3000 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައި ވާކަމަށް އެއަވަށުގެ ގަވަރުނަރުގެ ނައިބާއި ޙަވާލާދީ ރިޕޯޓުތައް ބުނެފައި ވެއެވެ.

