ސްވިޑަންގެ ސްޓޮކްހޯމް މިސްކިތުގެ ކުރިމަތީގައި ޢީދު ދުވަހު ޤުރުއާނަށް އިހާނެތިކޮށް ހިތި މީހާ އަށް ބިރުވެރިކަން އިޙްސާސްވެ ސަރުކާރުގެ ރައްކާތެރި ކަމަށް އެދިއްޖެއެވެ.
މި މީހާ ބިރުން ތުރުތުރު އަޅާހާލު އޭނާއަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މީހަކާއި ވާހަކަދައްކާ ވީޑިއޯއެއް މިހާރު ވަނީ ޢާއްމުވެފައެވެ.
މި ވީޑިއޯ ޢާއްމު ކުރި މީހެއްގެ ޓްވީޓުގައި ވެއެވެ.
"މީގެ ދުވަސްކޮޅެއް ކުރިން ކިބުރުވެރިކަމާއި އެކު އޭނާ ޤުރުއާނަށް އިހާނެތިކޮށް ހިތި ހިތުމާއިމެދު ފަޚުރުވެރިވެ ފޮނިކެނޑި މިމީހާ، މިއަދު މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި ސްވިޑަން ސަރުކާރުގެ ރައްކާތެރިކަމަށް އެދިފައެވެ. ތިހާ ބޮޑު ފިނޑިއަކަށްވާ ޙާލު އެތައް ބިލިއަން މުސްލިނުންނެއްގެ ރުޅިގަނޑު ފަޅައިގެންދާފަދަ ކަމެއް ކުރީ ކީއްކުރަންހެއްޔެވެ؟
ކޮންމެ ޢަމަލެއްގެ ސަބަބުންވެސް ނުކުންނާނެ ނަތީޖާ ތަކެއް ހުންނާނެއެވެ. ތިބާއަށް މިއަދު ޙައްޤުވެފައި ތިޔަވާ ނަފުރަތަކީ ތިބާގެ އަމިއްލަ އަތުން ކުރި ވިޔާނުދާ ޢަމަލުގެ ނަތީޖާއެވެ."
ޢިރާޤުން ސްވިޑަން އަށް ހިޖުރަކޮށްފައިވާ 37 އަހަރުގެ ސަލްވާން މޮމީޚާ އެދުވަހު ޤުރުއާނަށް އިހާނެތިކޮށް ހިތާފައިވަނީ އެއްވެތިބި މީހުންނާއި ޢަރަބި ބަހުން ވާހަކަދައްކަމުންނެވެ.
200 އެއްހާ މީހުން ތިބި އެތަނުގައި ސްވިޑަންގެ މީޑިއާއިން ވެސް ގެންދިޔައީ އެ މަންޒަރުތައް ރެކޯޑު ކުރަމުންނެވެ. އޭނާ ވަނީ ޤުރުއާނުގައި ފައިން ތަޅާ، އެ ބިންމައްޗަށް އެއްލާލުމަށްފަހު، އެ މާތް ފޮތަށް ފައިން އަރާފައެވެ. އަދި އޭގެ ގަނޑުތައް ވީދައި، އެފޮތުގެ ތެރެއަށް އޫރުމަސް ވެސް އަޅާފައެވެ. ޤުރުއާނުގައި ހުޅުޖަހާ އަންދާލީ މިހުރިހާ ކަމެއް ކުރުމަށްފަހުގައެވެ. މިފަދަ ކަންކަން ކުރުމުގައި ބައިގަޑިއެއްހާއިރު އޭނާ ހޭދަކުރީ ސްވިޑަން ފުލުހުންގެ ރައްކާތެރި ކަމުގައެވެ.
މިއީ ސްވިޑަންގައި ޤުރުއާން އަންދަން އެޤައުމުގެ ފުލުހުން ހުއްދަ ދިން ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މިފަހަރު ދީނަށް ފުރައްސާރަ ކުރުމުގައި ޙައްދުފަހަނަ އަޅާފައިވާ މިމީހާއަށް މިކަމަށް ހިއްވަރު ދީފައިވަނީ ރަޝިޔާ ސަރުކާރުގެ އެހީގައި ހިންގާ ނޫހެއްގެ ކަނާތު ފިޔައިގެ ޙައްދުފަހަނަ އަޅާފައިވާ ނޫސްވެރިއަކު ކަމަށް ވެސް ބައެއް މީޑިއާ ތަކުން ބުނެފައި ވެއެވެ.


