ގއ ވިލިނގިލީ “ބޮންބޮން” މިޔުޒިކް ގްރޫޕުގެ ތާރީޚަކީ ކޮބައިބާވައެވެ؟ އެއީ ކިހިނެއް އުފެދުނު ނަމެއް ހެއްޔެވެ؟ އެއީ ކޮންއިރަކު އުފެދުނު ކޮން މިޔުޒިކް ގްރޫޕެއް ހެއްޔެވެ؟ ބޮންބޮން ގުރޫޕުގައި އުޅުނީ ކޮންބައެއް ހެއްޔެވެ؟
ބޮންބޮން ގުރޫޕުގެ ނަން އަޑު އިވުނަސް އަދި މިނަން އެނގުނަސް މިއީ ކޮން ގޮތަކަށް އުފެދުނު ޙަރަކާތެއްކަން ނޭނގި އޮވެދާނެއެވެ. އަދި ބޮންބޮން މިއީ ކޮން ކަމެއް ނުވަތަ ކޮން އެއްޗެއް ނުވަތަ ކޮން ނަމެއްކަން ވެސް ނޭނގުމަަކީ އެކަށީގެންވާ ކަމެކެވެ.
އެހެންވީމާ، މި ޢީދު ޝޯ ( ބޮޑެ ޢީދާ 1444) ގައި ބޮންބޮން ގެ ނަމުގައި އަޞްލު ބޮންބޮން ގެ މުހިންމު ދެ ފަންނާނުންނާއެކު ބޮންބޮން ނުކުތުމުގެ ކުރިން މިވާހަކަ ކިޔައިލަމާ ހިނގާށެވެ.
މި ޝޯގައި ބައިވެރިވާ ބޮންބޮންގެ ދެ ފަންނާނުންނަކީ ލަކީ މުޙައްމަދު ޒުހައިރާއި، މުރީދުގޭ ތުއްތު ޢަލީއެވެ. ތުއްތު ޢަލީ މާލޭގައި ދިރިއުޅުނަސް މިވަގުތު ހުރީ ވިލިނގިލީގައެވެ.
ބޮންބޮން އޮޅިޔާގެ ނަމަކީ ވަނަމެކެވެ. އެކަމަކު ޙަރަކާތަކީ ވަރަށް ހިތްވަރުގަދަ އަދި ވަރަށް ވެސް އުފެއްދުންތެރި ޙަރަކާތެކެވެ. ބޮންބޮން މިޔުޒުކް ގުރޫޕް އުފެދުނީ ޒުވާން އަދި މެދު ޢުމުރުގެ ފަންނުވެރިންގެ ޝައުޤުވެރި ކަމާއި، ރަށުވަންތަ ލޯބިންނެވެ. ބޮންބޮންގެ އަޑަކީ ރަށުގެ ސަމާލުކަން ލިބުނު ބޭސް ގިޓާގެ އަޑެވެ.
1971 ވަނަ އަހަރުގެ ތެރޭގައި ތިނަދޫގެ މިޔުޒިކު ގުރޫޕެއް ވިލިނގިއްޔަށް އައިސް ވިލިނގިލީގައި އެމީހުންގެ ހުނަރުތައް ދެއްކުމާ ގުޅިގެން ވިލިނގިލީގެ އެކުވެރި ގުރޫޕަކުން މިޔުޒިކަށް ފައިނެގިއެވެ. މި ދެންނެވި ތިނަދޫ ބޭންޑުގެ ބައެއް ޒުވާނުން އެދަތުރުގައި އަޅުގަނޑުމެންގެ ގޭގައި އާދެ، ގޮންގަލީގޭގައި ތިއްބެވެ. އެ ބޭންޑުގައި ގިނައިން ތިބީ ވިލިނގިލީ ޒުވާނުންނާ ވަރަށް ރަޙްމަތްތެރި ޒުވާނުންނެވެ. ތިނަދޫ މީހުން ވިލިނގިލީގައި ތިބި ދުވަސްވަރުގެ ރަޙްމަތްތެރިންނެވެ.
ތިނަދޫ ބޭންޑުގެ ދައްކާލުމާއެކު އެ ބޭންޑުގެ ގިޓަރިސްޓް އަދި ޑާންސަރ އަޅުގަނޑުގެ ބޭބޭ މުޙައްމަދު ނިޒާރުގެ ރައްޓެހިން ކަމުގައިވާ ވިލިނގިލީ ކަނޑުއޮޅި ޝިހާބާއި ބީޗްވިލާ ތައުފީޤު ފަދަ ޒުވާނުން ގޮންގަލީގޭގައި ނެށުމާއި މިޔުޒިކުގެ ހުނަރުތައް ދަސްކުރަން ފަށައިފިއެވެ. ހަމައެއާއެކު ދިލްކަޝްވިލާ ޙަސަން ޢަބްދުﷲ ތިނަދޫ ބޭންޑުން އޭނާއަށް ލިބުނު މިޔުޒިކީ މަޢުލޫމާތުން މިޔުޒިކު ގްރޫޕެއްގެ ބިންގާ އަޅައިފިއެވެ. ޙަސަން ޢަބްދުﷲ ނުވަތަ ދޮން ޙަސަނަކީ މިޔުޒިކާއި ލަވައަށް ވަރަށް ޝައުޤުހުރި ވަރަށް މޮޅު ތިލޭރެކެވެ. ވަރަށް ކުޅަދާނަ ހުނަރު ވެރިއެކެވެ. ތިނަދޫ ބޭންޑުގައި ވެސް މުޅީންހެން ހުރީ ދިވެހިން އަމިއްލައަށް ހަދާފައިހުރި އާޅާތްތައް ކަމުން ވިލިނގިލީ ބޭންޑުން އަޑުނެރޭނޭ ސާމާނު އުފެއްދުމުގެ ހިތްވަރު ދޮން ޙަސަނަށް ލިބުނެވެ.
ދޮން ޙަސަނު އިސްވެ ހުރެ އެވަގުތަށް ރަށުގައި ތިބި ބެރުޖަހައި ލަވަކިޔައި އުޅޭ ހުނަރުވެރިން އެއްތަން ކޮށްފިއެވެ. ބެރުތައް ހޯދައި، ތިނަދޫ ބޭންޑުގައި ގެންގުޅުނު ޒާތުގެ އާލާތްތައް ހޯދައިފިއެވެ. ތިނަދޫއިން ބާ ހަރުމަނިއާ އެއް ގަނެ، ބައިސިކަލު ރަނގަބީލުންނާއި، ބޮޑު ކާއްޓަކުން ގިގުނި ފަދަ ތަކެތި ހަދައިފިއެވެ. އިތުރަށް ބޮންގޯ އަކާއި، ބުންއަޑު ލައްވަން ބުންފޮށްޓެއް ގުރީކު ބޯޓުގެ ސައިފަތް ފޮށްޓަކުން ހަދައިފިއެވެ. އަދި ގުރޫޕުގެ ފަރިތަކުރުންތައް ދިލްކަޝްވިލާގައި ފަށައިފިއެވެ. އެދުވަސްވަރު އެގޭގައި ބަޔަކު ނުއުޅޭތީ މުޅިގެ ހުރީ މިޔުޒިކު ތަމްރީނު މަރުކަޒަކަށް ވެފައެވެ. އެއީ ބޮންބޮންގެ މަޒުކަޒެވެ.
މިޔުޒިކުގެ ރާގުތައް އެދުވަސްވަރު މާކަ ގިނަ ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސް ނުދެއެވެ. އެކަމަކު ލަވައިގެ ފޯރީ ވަރަށް ގަދައެވެ. ކޮންމެެއަކަސް ވިލިނގިލީގެ އާދަކާދައި މަތިން މިމިޔުޒިކު އޮޅިޔަށް ވަނަމެއް ކިޔައި މަޝްހޫރު ކޮށްލަން މާބޮޑު ކަމެއް ކުރާކަށް ނުޖެހުނެވެ. އާދެެ ދާދި އަވަހަށް “ބޮންބޮން” އޮޅިޔާގެ ނަން ރަށު އެންމެން ދަސްކޮށްފިއެވެ. މި ގުރޫޕަށް ބޮންބޮން އޮޅިޔާގެ ނަމުން ނަންކިޔައި ހަރުކޮށްފިއެވެ.
ބޮންބޮން މިއީ ސައިފަތް ހުސްކުރި 2x2x2 މިނުގެ ފޮށިގެ މަތިގަނޑުގެ މެދުން 4 ފޫޓު ހުންނަވަރުގެ ހިމަނަނު ކޮޅެއް ހަރުކޮށް 4 ފޫޓު ހުންނަހައި ދަނޑިއެއްގެ އެއްކޮުގައި ނަނުގެ އަނެއްކޮޅު އައްސައި ފޮށިގަނޑުގެ އެއްކަނުގައި އިސްކުރުޖަހައި ހަރުކޮށްފައިވާ ފުޅިއެއްގެ މަތިގަނޑުގެ ތެރޭގައި ދަނޑީގެ ފޫވިއްދައި ނަނަށް ވާންކުރުމަށްފަހު ނަނުފަށުގައި ހިފައިދަމައި ދޫކުރުމުން ކިޔާ މިޔުޒިކީ ބުން އަޑަށް ދީފައިވާ ނަމެކެވެ.
މި އަޑު ލައްވާ މީހާ ހުންނާނީ އެއްފައި ފޮށިގަނޑުމަތީގައި އަޅައިގެން އޭނާގެ ވާތުން ނަނަށް ވާން ކުރުމަށް ދަނޑީގެ މަތީކޮޅުގައި ހިފައި ފޭ އަށް ވާންކޮށްގެންނެވެ. މިގޮތަށް ހުރެ ކަނާތުން ނަނު ފަށަށް ދަމައި ދޫކޮށްލުމުން ބުން އަޑު ނުކުމެއެވެ. މިޒަމާނުގެ ގޮތުން ނަމަ އެއީ ބޭސް ގިޓާގެ ވަޒީފާއެވެ.
މިއީ ބޮންބޮންގެ ނަމާއި އަޑާއި އުފެދިގެން އައިގޮތާބެހޭ ގޮތުން އަޅުގަނޑަށް އެނގިފައިވާ ގޮތުގެ މައްޗަށް ލިޔުނު ޚުލާޞާއެކެވެ.
ބޮންބޮން ގުރޫޕުގެ މެމްބަރުން
———————
1. ޙަސަން ޢަބްދުﷲ (ރިބިދޫ ދޮން ޙަސަން) ހަރުމަނިޔާޖެހުމާއި، ލަވަކިއުން (ބޭންޑް މާސްޓަރ)
2. މުހައްމަދު ވަޙީދު، ފޫޅުމާގެ ބޮންގޯ ޖެހުމާއި، ލަވަ ކިއުން
3. އިބްރާހީމް ޝިހާބު، ކަނޑުއޮޅި ބޮންގޯ ޖެހުމާއި، މެނާކުޅުމާއި، ނެށުން
4. މުޙައްމަދު ޒުހައިރު، ލަކީ ލަވަ ކިއުން
5. މުޙައްމަދު ނަޞީރު، ގޯލްޑަން ހައުސް ބުންފޮށި ޖެހުން
6. ނާޞިރު ޢަލީ، ނަލަހިޔާގެ ކުދި އަޑުު ކުޅުން، މެނާކުޅުން، ރަނގަބީލު ކުޅުން
7. މުޙައްމަދު ނަޞީރު، މިރާޒު ބުންފޮށި ޖެހުން
8. އަޙްމަދު ޢަބްދުލްޙަކީމް، ހިތިލާގެ ކުދި އަޑު ކުޅުމާއި، ނެށުން (ލަވަހަދަން ފެށުމުގެ ކުރި)
9. މުޙައްމަދު ތައުފީޤު، ބީޗްވިލާ ބުންފޮށި ޖެހުން
10. އައްލޫގެ ތުއްތޫ، މުރީދުގެ ބެރުޖެހުމާއި ލަވަމިއުމާއި، ގިގުނިޖެހުން، މެނާކުޅުން
11. އަބުދު، ހައިވަކަރުގެ، ނެށުމާއި، ގިގުނިޖެހުން، ރަނގަބީލު ކުޅުން
ނޯޓް: ބޮންބޮން އޮޅިޔާގެ މަޢްލޫމާތު ދެއްވީ ކަނޑުއޮޅި އިބްރާހީމް ޝިހާބާއި، ލަކީ މުޙައްމަދު ޒުހައިރާއި ތުއްތު ޢަލީއެވެ. އެހެންވީމާ މިފުރުޞަތުގައި ޝިހާބަށާއި، ޒުހައިރަށާއި ތުއްތުއަށް ޝުކުރު ދަންނަވަމެވެ. ތުއްތުއާއި ޒުހައިރާ ދެމީހުންނަކީ ބޮންބޮން އޮޅީގެ ތެރެއިން މިހާރުވެސް މިޔުޒިކާއި ލަވައިގައި ދެމިތިބި ފަންނާނުންކަން ވެސް ފާހަގަ ކުރަމެވެ.

