ދުނިޔެ މިހާތަނަށް އެންމެ ހޫނުވި ދުވަހަކީ 3 ޖުލައި ކަމަށް އެމެރިކާގެ ނެޝަނަލް ސެންޓަރސް ފޯރ އެންވަޔަރްމެންޓަލް ޕްރެޑިކްޝަން އިން ބުނެފިއެވެ.
މިމަހުގެ 3 ވަނަ ދުވަހު، ދުނިޔޭގެ އެވްރެޖް ހޫނުމިން ވަނީ، ހޫނުރޯޅިތަކާއިއެކު، ޙައިރާން ކުރުވަނިވި ދަރަޖައެއް ކަމަށްވާ، 17.07C (ޑިގްރީ ސެލްސިއަސް) އަށް އަރާފައެވެ. މީގެ ކުރިން ރެކޯޑު ކުރެވިފައިވާ އެންމެ މަތީ އެވްރެޖަކީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ރެކޯޑު ކުރެވުނު 16.92C އެވެ.
އެމެރިކާގެ ދެކުނަށް ފާއިތުވި ހަފުތާތަކުގައި އާދަޔާއި ޚިލާފަށް ހޫނުގަދަވެ 35C އަށްވުރެ މައްޗަށް އަރާފައިވާއިރު، އެފްރިކާގެ އުތުރުގެ ސަރަޙައްދުތަކަށް ހޫނުމިން ވަނީ 50C އާއި ގާތްކޮށްފައެވެ.
ދުނިޔޭގެ އެންމެ ފިނި ސަރަޙައްދު ކަމަށްވާ އެންޓާކްޓިކާގައި ވެސް މި ޖުލައި މަހު ވަނީ ހޫނުމިން 8.7C އަރާފައެވެ.
ދުނިޔެ ހޫނުވާ މިންވަރު އިތުރުވަމުން ދިއުމަކީ ދުނިޔެއާއި އެތަނުގައި އުޅޭ ދިރޭތަކެއްޗަށް ކުރިމަތިވަމުންދާ ބޮޑު ނުރައްކަލެއް ކަމަށް ސައިންސްވެރިން ދެކިލައްވައެވެ.

