ނުފޫޒު ފޯރުވައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކަރުން ޙިޔާނަތްތައް އޮއްބާލާ މަންޒަރުތައް ފެނިގެންދާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި ކަމަށް މީޑިއާގައި ރިޕޯޓްކުރުމާއި އެއްކޮށެވެ.
ޔާސިރުގެ އެކައުންޓަށް އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލަ ފުލުހަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ކަމަށް މައުލޫމާތު ލިބެއެވެ. އެމައްސަލައިގެ ތަހްގީގު ފުލުހުން ފެށި ނަމަވެސް އެތަހްގީގަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ، އޮއްބާލާކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ މިދައުރުގައި ވަރަށް ބޮޑަށް ފަހަގަވެގެންދާ ކަމަށެވެ.
އަދި މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ މައްސަލައަކީވެސް ހަމަ އެފަދަ މައްސަލައެއް ކަމަށާއި މިއީ އެމްޑީޕީގެ ވެރިކަމެއްގައި ވަރަށް ލަދުވެތިކަމެއް ކަމުގައިވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެމްޑީޕީން ގިނަ މެންބަރުންތަކެެއް ވަނީ ވަކިވެފައެވެ. އަދި ރައީސް ނަޝީދުއަށް ތާއީދުކުރާ މެންބަރުންތަކެއް އިސްވެ ތިބެ އުފައްދެމުމަށް ތައްޔާރު ވަމުންދާ ދަ ޑިމޮކްރެޓްސް ޕާޓީ އަށް ނަޝީދު ސޮއި ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުލކުރާއިރު، އެ ޕާޓީގެ ފަރާތުން ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

