އެމެރިކާގެ މިނިވަން ދުވަސް ކަމަށްވާ 4 ޖުލައި އާއި ދިމާކޮށް އެޤައުމުގެ 3 ސަރަޙައްދެއްގައި ބަޑީގެ ޙަމަލާތަކެއްދީ ފިއެވެ. މިޙަމަލާތަކުގައި 10 މީހަކު މަރުވެ 38 މީހަކު ވަނީ ޒަޚަމްވެފައެވެ.
ފިލިޑަލްފިޔާ އާއި ބަލްޓަމޯ އަދި ފޯރޓް ވޯތު ގައި ދިން މި ޙަމަލާތަކާއި ގުޅިގެން ބަޑިގެންގުޅުން މަނާ ކުރުމަށް ގޮވާލާ ގޮވާލުމުގެ އަޑު އަނެއްކާވެސް ވަނީ ގަދަވެފައެވެ.
އަންގާރަދުވަހު، ފޯރޓް ވޯތު ގައި ބަޑިން ޙަމަލާދީ 3 މީހަކު މަރާލައި 8 މީހަކު ޒަޚަމްކޮށްލާފައި ވަނީ މިނިވަންދުވަސް ފާހަގަ ކުރުމަށް ޢާއްމުން ބޭއްވި ޙަފުލާއަކަށް ފަހުގައިކަމަށް ފުލުހުންގެ އޮފިޝަލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ހޯމަ ދުވަހު ފިލިޑަލްފިޔާގައި ދިން ބަޑީގެ ޙަމަލާގައި 5 މީހަކު މަރާލައި 2 މީހަކު ވަނީ ޒަޚަމް ކޮށްލާފައެވެ. ޒަޚަމްވެފައި ވަނީ ކުޑަ ދެކުދިންކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. ޢުމުރުން 2 އަހަރާއި 13 އަހަރުގެ މި ދެ ފިރިހެން ކުދިންގެ ވެސް ވަޒަން އަރާފައި ވަނީ ފަޔަށެވެ. ވަޒަން ނާރާ ޖެކެޓެއް ލައިގެން ހުރި އެމީހާ ޢާއްމުންނަށް ޙަމަލާދީފައި ވަނީ AR-15 ރައިފަލް އަކުންނެވެ. މިޙަމަލާގައި ވަޒަންއެރި އެންމެންގެ ގަޔަށް ވެސް ބަޑިޖަހާފައި ވަނީ ވަރަށް ގާތުން ކަމަށް ޚަބަރުލިބެއެވެ.
ބަލްޓަމޯގައި ހޯމަ ދުވަހުގެ ރޭ ދިން ޙަމަލާގައި 2 މީހަކު މަރުވެ 28 މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހުރިހާ ޙަމަލާތަކެއް ވެސް ދީފައިވާ ސަބަބު މިހާތަނަށް އަދި ސާފެއް ނުވެއެވެ. ފިލިޑަލްފިޔާގައި ޙަމަލާދިން މީހާ ވަނީ ހައްޔަރު ކުރެވިފައެވެ. އިތުރު މީހަކު ހައްޔަރު ކުރިކަން އަދި މިހާތަނަށް ސާފުވެފައެއް ވުނެއެވެ.
ރައީސް ބައިޑެން ވަނީ މި ޙަމަލާތަށް ކުށްވެރި ކުރައްވާ، ބަޑިގެންގުޅުން މަނާކުރުމުގެ ޤާނޫނެއް ފާސްކުރުމަށް އެބޭފުޅާ އާއި މުޅި އެޤައުމުވެސް ގޮވާލަމުންދާ ގޮވާލުން، އަންގާރަ ދުވަހު ތަކުރާރު ކުރައްވާފައެވެ.

