އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންތިހާބެއްގެ ގޮތުގައި ވެގެން ދާނީ އިންތިހާބުގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްސަލަ ނިންމައި އެމަނިކުފާނު މިނިވަން ކުރުމުން ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެވފައި ވަނީ ސަންގު ޓީވީގެ ޝޯއެއްގައި ވާހަކަ ދައްކަވަމުންނެވެ. މީގެ އިތުރުން އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) މަގުމަތިކޮށްފައި، ރިޔާސީ އިންތިޚާބު ބޭއްވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ރ. ފުއްގިރި މައްސަލާގައި ރައީސް ޔަމީންގެ މައްޗަށް އުފުލާފައިވަނީ، މަނީލޯންޑްރިންގް އާއި ރިޝްވަތު ޤަބޫލުކުރުމުގެ ދަޢުވާއެވެ. މި މައްސަލަތަކާއި ގުޅިގެން ގިނަ ޝަރީއަތުގެ އަޑުއެހުންތަކެއް ތާވަލް ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން މިހާތަނަށް 6 ފަރާތެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.
ނަމަވެސް މި ދެ ބޭފުޅުންނަކީ ރައީސް ޔާމީންއާއި ދެކޮޅު ފަރާތްތަކެއް ކަމުން، ޔާމީންއާއި ދެކޮޅަށް އަދީބްއާއި ޒިޔަތުގެ ހެކިބަސް ނުނެގޭނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުވަނީ ފާހަގަކޮށްފައެވެ.

