2 ދުވަސް ވަންދެން އިސްރާއީލުން ޖެނީންގައި ކުރިއަށް ގެންދިޔަ އަނިޔާވެރިކަމަށްފަހު، ރޭ ދަންވަރު 12:50 އެހާއިރު އެއަވަށުން ނުކުތުމުން ފަލަސްޠީނު ރައްޔިތުން އުފާ ފާޅުކޮށްފިއެވެ.
ރޭގެ 8:50 އެހާއިރު އިސްރާއީލު އަސްކަރިއްޔާއިން ވަނީ އިސްރާއީލު ސިފައިންގެ މީހަކު މަރުވި ކަން އިޢުލާނުކޮށްފައެވެ. އޭރު ވަނީ އިސްރާއީލުން ޖެނީންދޫކޮށް ނުކުންނަން ފަށާފައިވާކަމުގެ އަޑުތައް ފެތުރިފައެވެ.
އެހެނަސް މިއީ، އިސްރާއީލުން ޖަހާ މަޅިއަކަށް ވެދާނެ ކަމުގެ ބިރު އޭރުވެސް ފަލަސްޠީނު ރައްޔިތުންގެ މެދުގައި އޮތީ ފެތުރިފައެވެ. އިސްރާއީލު ސިފައިންގެ ނިޔަތް ސާފުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެއީ، އަލް ޤުދުސް ބްރިގޭޑްސް އާއި ޖެނީން ބްރިގޭޑްސްގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ޖެނީންގެ ކުރިމަތިލުމުން ކާމިޔާބީ ލިބުނުކަން ފާހަގަކޮށް ބަޔާނެއް ނެރުމުންނެވެ.
"މި ހަނގުރާމައިގައި، އިސްރާއިލު ސިފައިންނާއި ކުރިމަތިލަމުންދިޔަ ވަރުގަދަ ކިއްލާއެއްފަދަ ހުރިހާ ފަހުލަވާނުންގެ ހިއްވަރު ބަލައިގަންނަން."
އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޖެނީން ހަނގުރާމަވެރިންގެ ބްރިގޭޑުން ވަނީ، އެފަދަ ދަތި ވަގުތުގައި، ހިއްވަރާއި އެކު މަސައްކަތް ކުރި ޞިއްޙީ އެހީތެރިންނާއި، ނޫސްވެރިންގެ ހިއްވަރު ފާހަގަކޮށް އެފަރާތްތަކަށް ވެސް ތަޢުރީފު ކޮށްފައެވެ.
އިސްރާއީލު ސިފައިން ނުކުތްތާ ގަޑިއެއްހާއިރުގެ ތެރޭގައި ކޭމްޕުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުން ވަނީ މަގުތަކަށް ނުކުމެ އެފަރާތްތަކަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފައެވެ.
ޖެނީންގައި އިސްރާއީލުން ކުރިއަށްގެންދިޔަ އަނިޔާވެރިކަމަށް 48 ގަޑިއިރު ވާން ކައިރިވެފައި ވަނިކޮށް އެޙަމަލާތަކުގައި ޖެނީނުން ޝަހީދުވި މީހުންގެ ޢަދަދު ވަނީ 12 އަށް އަރާފައެވެ.

ޖެނީންގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 12 މީހަކު ޝަހީދުވި
ޖެނީން ދޫކޮށް މިވަގުތު އިސްރާއީލުން ދިޔަ ނަމަވެސް، އެހެން ފަހަރެއްގައި އެނބުރި އަންނާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. ޖެނީންއަކީ އެފަރާތްތަކަށްވާ "ބިރުވެރި ކަމަކަށް ވިޔަ ނުދޭނެ" ކަމަށާއި، މިއީ، "އެއްފަހަރަކުން ނިންމާލެވޭނެ ކަމެއް ނޫން" ކަމަށްވެސް އިސްރާއީލު ސަރުކާރުން ވަނީ ބުނެފައެވެ.

