ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ޑެންގޫ ހުމުގެ އައުޓްބްރޭކެއް ތ. ތިމަރަފުށީގައި އޮތްއިރުވެސް ސިއްޚީ ޚިދުމަތްދޭންތިބި ނަރުހުންނަށް މަޖުބޫރުކޮށްގެން ވަޒީފާއަށް ނެރެމުންދާތީ އާއި މުޅި ޓީމް އެއްކޮށް ޑެންގޫއަށް ޕޮޒިޓިވްވެފައި ތިބިއިރު ތަނުގެ އިސްވެރިން އަޅާނުލާތީ ތިމަރަފުށީގެ ނަރުހެއްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.
ތިމަރަފުށީ ނަރުހެއް ކަމަށްވާ ސަމާ އިބްރާހިމް އޭނާގެ ފޭސްބުކްގައި މިވާހަކަތައް ހިއްސާކޮށްފައިވަނީ ކެތްތެރިކަން ކޮޅުންލައިގެންގޮސް މިކަމަށް އެންމެ ފަސޭހައިން ހައްލު ހޯދޭނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ކަމުގައި އޭނާ ދެކޭތީކަން ހިއްސާކޮށްފައިވެއެވެ.
އޭނާ ބުނި ގޮތުން 3 މަސް ދުވަސް ޑެންގޫ އައުޓް ބްރޭކްގައި ތިމަރަފުށި އޮތްއިރު ފަރުވާދޭން ތިބި ޓީމް އެއްކޮށް ވަނީ ޑެންގޫއަށް ޕޮޒިޓިވް ވެފައެވެ. މިއާއިއެކު ސަމާ ބުނީ ނަރުހުންނަކީވެސް އިންސާނުން ކަމަށާއި، 24 ގަޑިއިރު ޚިދުމަތްދޭ ހެލްތް ސެންޓަރެއް ހުޅުވައިގެން ތިބިކަމުގައިވިޔަސް އަދި ނިމުނީ ނޫންކަމަށެވެ.
އަދި ޚިދުމަތްދޭން މިވަގުތު ތިބީ 8 ނަރުހުންކަން ހާމަކުރަމުން ސަމާ ބުނީ އެ ނަރުހުންގެ ތެރެއިންވެސް ގިނަ ބަޔަކު ޑެންގޫއަށް ޕޮޒިޓިވް ކަމަށާއި ޖުމްލަގޮތެއްގައި ޑެންގޫ ކޭސްތައް ވަނީ އަތްނުފޯރާ ފަށަށްގޮސްފައިކަމަށެވެ. އަދި ކަންކަން މިހިސާބަށްދިޔައިރު މިކަމަށް ހައްލެއް ހޯދާދޭނެ އެއްވެސް ފަރާތެއް ނެތްކަމާއި ޒިންމާވާނެ ފަރާތެއްވެސް ނެތްކަން އޭނާ ފާހަގަކުރިއެވެ.
ބަލިވެ ތިއްބާ ނަރުހުން ޑިއުޓީއަށް ނެރެގެން 24 ގަޑިއިރުގެ ޚިދުމަތްދިނުމަށް މަޖުބޫރުކޮށްފައި ވާއިރު، ސަމާ ވަނީ ނަރުހުންގެ ޙައްޤުތައް ކޮބައިތޯ ސުވާލު އުފައްދާފައެވެ. މިއާއިއެކު އޭނާ ބުނީ ޑެންގޫ ކޭސްތައް ފުލްކޮށް އެޑްމިޓް ކުރެވިފައިތިބިއިރު 24 ގަޑިއިރުގެ ހެލްތް ސެންޓަރުގެ ޚިދުމަތް ދިނުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ.
ސަމާ އިތުރަށްބުނީ ކަންކަން މިވަރުވެގެން ދާއިރު މިކަމަށް ހައްލެއް ހޯދާ މިކަން ބޮޑުކަމަކަށް ހަދައިގެން އުޅޭ ވެރިޔަކުނެތްކަމަށާއި، ކަންބޮޑުވާ އަތޮޅު ހޮސްޕިޓަލެއްވެސް ނެތްކަމަށެވެ. އެހެންކަމުން މި އުދާސްތައް އޭނާ ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލީ އިތުރު އެއްވެސް ގޮތެއްނެތިގެންކަމަށް ހާމަކުރިއެވެ.

ސަމާ ކޮށްފައިވާ ޕޯސްޓް.
ސަމާގެ ފޭސްބުކްގައި އަސަރާއިއެކު އޭނާ ކުރި ޕޯސްޓްގައި ހެލްތް މިނިސްޓްރީ ޓެގްކޮށްފައިވެއެވެ. އެހެންނަމަވެސް މިކަމުގައި މިހާތަނަށް މިނިސްޓްރީއިންވެސް ރަސްމީ އެއްވެސް އިދާރާއަކުން މަޢުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
ޑެންގޫ ކޭސްތަކުގެ އިތުރުން ތިމަރަފުށީ ސިއްޙީ މަރުކަޒުގެ ޙާލަތުގެ ވާހަކަތަައްވެސް ސޯޝަލްމީޑިއާގައި ގައި ރަށުގެ ބައެއް މީހުން ދަނީ ހިއްސާކުރަމުންނެވެ.

