ޕްރޮކްރާސްޓިނޭޝަން އަކީ މުހިއްމު ކަމެއް، އެކަމުގެ ވަގުތުން ފަސް ކޮށްލަކޮށްލާ ހުރުމެވެ. ވާގޮތަކީ، އެއަށްވުރެ ބޮޑަށް ކުރާހިތްވާ ނުވަތަ އެއަށްވުރެ މުހިއްމު ކަމަކަށް އެވަގުތު ދެވެނީ އެވެ. ބައެއްފަހަރު، ކުރަން ޖެހޭ ކަންތަކުގެ ބޮޑުކަމުން ވެސް އެކަން ފަސްޖައްސާލެވެއެވެ. މިއީ އަދި ކަންނެތްކަމެކޭ ވެސް ނުބުނެވޭނެއެވެ. މިއީ، އެކަމެއް ކުރާހިތް ނުވުމެވެ.
ޕްރޮކްރާސްޓިނޭޝަން އަކީ، އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެކަން ދެނެހުރެ ވެސް މުހިއްމު ކަމެއް އޭގެ ވަގުތުން ފަސްކުރުން ކަމުގައި ބުނެވިދާނެއެވެ. މިކަމަކީ، އާދަވެ ކުރެވޭ ކަމަކަށް ވެއްޖެ ނަމަ އެމީހެއްގެ ފެންވަރު ދެއްކުމަށް ހުރަސްއެޅި، އެމީހެއްގެ ކުރިއެރުމަށް އޭގެ ސަބަބުން ހުރަސް އެޅެއެވެ.
ޕްރޮކްރާސްޓިނޭޝަންގެ ތަފާތު ވައްތަރުތަކާއި، އޭގެ ޙައްލާއި މެދު ވަރަށް ގިނަ ތަޖުރިބާކާރުން ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެހެނަސް އަޅުގަނޑު ދައްކަން މިއުޅެނީ މުސްލިމެއްގެ ޙައިސިއްޔަތުން މިކަމުން އަޅުގަނޑުމެން ރައްކާތެރި ވުމުގެ މުހިއްމު ކަމުގެ ވާހަކައެވެ.
ޕްރޮކްރާސްޓިނޭޝަން އާއި ބެހޭގޮތުން އައްޝެއިޚް މޫސާ ޖިބްރީލް (حفظه الله) ވިދާޅުވެފައި ވެއެވެ. “ޕްރޮކްރާސްޓިނޭޝަން އަކީ “ވަގުތު” އިން ކުރެވޭ ވައްކަމެކެވެ. އެކަމުގެ ސަބަބުން މާޔޫސްކަން މެނުވީ ގެނެސް ނުދެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަމުރު ކުރައްވާފައިވާ ކަންކަން ކުރުމުގައި ފަސްޖެހެވޭނަމަ ތިބާގެ މަންޒިލަކީ ނަރަކަ ކަމުގައި ވެދާނެއެވެ. ކުރެވުނު ކަންތަކާއި މެދު ހިތާމަ ކުރިއަސް އެދުވަހުން ތިބާއަކަށް އޭގެ އެއްވެސް ފައިދާއެއް ނުކުރާނެއެވެ.”

