ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި ކިހިނެއްތޯ ބަލައިދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލައި، ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް އެ މައުލޫމާތުތަށް ލީކު ކޮށްލީ ސަރުކާރު އަޑީގައި އޮވެގެން ކަމަށް އިދިކޮޅު ކޯލިޝަނުން ނެރޭފައިވާ ބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެެވެ.
މީގެ އިތުރުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ސައްހަކަން ކަށަވަރު ނުވާ މައުލޫމާތުތަކެއް ހަބަރުގައި ހިމަނާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން ތަހުގީގު އިދާރާއަކަށް އާންމު ފަރުދަކު ދީފައިވާ މައުލޫމާތުތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ އަމަލެއްކަމުގައި ބެލެވޭއިރު އެފަދަ މައުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިއުކުރި ފަރާތުން އެކުރަނީ ޖިނާއީ ކުށެއްގެ ގޮތުގައި ސިފަ ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ކޯލިޝަނުން ވަނީ ސަރުކާރުގެ ނުފޫޒަކާއި ނުލައި މި މައްސަލަ މިނިވަން މުއައްސަސާ އަކުން ބަލައި ދިނުމަށް ވަނީ އެދިފައެވެ. އަދި ވީ އެންމެ އަވަހަކަށް މި މައުލޫމާތުތަށް ލީކު ކޮށްލި ފަރާތަށް ފިޔަވަޅު އަޅައި ދިނުމަށް ވަނީ އެދިފައެވެ.

