އެމްޑީޕީއިން ވަކިވުމަށްފަހު ރައީސް ނަޝީދުއަށް ތާއިދުކުރާ މެންބަރުން އިސްވެ ތިބެ އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓިގެ ވަގުތީ ޗެއާރޕާސަންއަކަށް މަޖިލީހުގެ ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން އަސަން ލަތީފު ހަމަޖައްސަވައިފިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވި، އެ ޕާޓީ ހިންގާނީ އެންމެންގެ ބައިވެރިވުމާއި އެކުގައި އަސާސުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން، ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ދޫކޮށް އެހެން ގޮތެއް ހޯދަން މަޖުބޫރިވި ސަބަބަކީ، އިސްލާހަށް މަސައްކަތް ކުރި އެތައް ބައެއްގެ އުންމީދުތަކާއި ގަބޫލް ކުރުންތަކާއި ފަލްސަފާ އާއި ބޭނުންވި އުސޫލްތަކާއި ހަމަތައް ނަގަހައްޓަން އުފެއްދި އެމްޑީޕީ މަގުން ކައްސާލާ އެހެން މިސްރާބަކަށް ދަތުރުކުރަން ފެށި ފެށުން ކަމަށެވެ.
އަދި މީގެ އިތުރުން އެމްޑީޕީއާއި ސަރުކާރުގެ ތެރޭގައި އޮތް، މަޝްވަރާކުރުމާއި، ކަންކަމުގައި ބައިވެރިވުން އޮތް މިންވަރާއި ދެ ފުށް ފެންނަގޮތަށް ކަންކަން ކުރުމުގެ މުހިންމު ސިފަ އެކުގައި ނައްތާލާފައި އޮތްކަމަށް ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
"" ރައްޔިތުންގެ އާންމު ހާލަތު ދަށަށް ދިޔަ ނަމަވެސް ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުމަށް އުޒުރުވެރިވާން ފަށައިފި. ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދިޔައިރުވެސް ދަރަނި ކުޑަކުރުމަށް ކުރަންޖެހޭ މުހިންމު އެއްވެސް މަސައްކަތެއް ސަރުކާރަކުން ނުކުރި. ސަރުކާރުގެ ބޭކާރު ހަރަދު ދިޔައީ އިންތިހާއަށް ބޮޑުކުރަމުން. ރައްޔިތުންގެ އުފެއްދުންތެރި މަސައްކަތްތަކަށް އެއްވެސް ވަރަކަށް އަހަށްމިއްޔަތު ކަމެއް ނުދިން."
އަދި ދަ ޑިމޮކްރެޓްސްއަކީ ކަންކަމުގައި ބަސް ކިއާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި ސަރުކާރުގައި އޮތަސް އަދި ނެތަސް ކުރާ ކަންކަމަށް ޖަވާބުދާރީވާނެ ކަމަށް ވިދާޅުވިއެވެ. އެ ޕާޓީ އޮންނާނީ ޕާޓީގެ އަސާސުތައް ގަބޫލްކުރާ އެންމެނަށް ތަންމިނަށް އަތް ހުޅުވާލައިގެން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ރޭ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ނަޝީދު އަރިހުގައި އެ ޖަލްސާގައި އެމްއެންޕީއާއި، ޕީޕީއެމް، ޕީއެންސީގެ އިސްވެރިން ބައިވެރިވެއެވެ.
އެޕާޓީގެ ފުރިހަމަ ނަން "ދަ ޑިމޮކްރެެޓްސް"ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި "ޑިމޮކްރެޓްސް" ވަނީ ފާސްކޮށްފައެވެ. ލޯގޯގެ ގޮތުގައި ފާސްކުރީ "އެސްޓްރިކް"އެވެ. އެ ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކައެވެ.

