ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ރައީސް ނަޝީދު ބޭނުންފުޅުވާ ޑިމޮކްރަސީގެ ރީތި ރަނގަޅު ގޮތް މިގައުމަށް އަނބުރާ ގެނެސްދެއްވާނީ ރައީސް ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަނުކޮށް، ދެ ފަރާތުން އެއްބަސްވާ ތިންވަނަ ކެނޑިޑޭޓެއް ނެރެން ރައީސް ނަޝީދު ލަފާދެއްވައިފައިވަނިކޮށެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ﷲ އިރާދަ ކުރެއްވިއްޔާ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް ނަޝީދު ބޭނުންފުޅުވެލައްވާ ޑިމޮކްރަސީގެ ރީތިގޮތް މިގައުމަށް އަނބުރާ ގެނެސް ގައުމަށް ކުރިއެރުން ހޯދަވާނެ އިންޝާ ﷲ"
މިކަމާއި ގުޅިގެން ޕީޕީއެމް އަދި ޕީއެންސީއިންވެސް ވަނީ ހޫނު ރައްދެއް ދީފައެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު އަމިއްލަފުޅު ހިޔާލު ކަމަށާއި އެ ޕާޓީއަށް އަދި ކެންޑިޑޭޓަކު ވެސް ދެއްކިފައި ނެތް ކަމަށެވެ.
"ރައީސް ނަޝީދު އެ ވިދާޅުވަނީ އެ މަނިކުފާނުގެ ވިސްނުންފުޅު. މި އިންތިހާބުގައި ރައީސް ނަޝީދު އަދި ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި. އަދި އެ ބޭފުޅުން ކެންޑިޑޭޓެއް ވެސް ނުދައްކަވާ. ޕީޕީއެމް/ޕީީއެންސީ އިން މާކުރިން ވާނީ ރައީސް ޔާމީން ކެންޑިޑޭޓެއްގެ ގޮތުގައި ނިންމާ ކެމްޕޭނު ވެސް ފަށާފައި،" ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން މި އަހަރުގެ ރިޔާސީ އިންތިހުބުގައި ވާދަ ކުރައްވާނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ރަނގަޅު ގޮތް ހޯދައި ދެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒައާމަތާ ހަވާލުވެގެން. އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

