ދަރިފުޅާއެވެ. ތި ތުއްތު ތުއްތު ދަރިފުޅު ރޯލި އަޑު ކަންފަތުގައި ޖެހިލުމާއި އެކު ބައްޕަގެ ދުނިޔެ މަތީގެ ހުރިހާ އުފާތަކެއް ލިބުނު ކަހަލަ އިޙުސާސްއެއް ބައްޕައަށް ވެގެން ދިޔައެވެ. އެއީ މީގެ ކުރިން މި ބައްޕައަށް އިހުސާސްވި ކަހަލަ ހިތްހަމަޖެހުމެއް ނޫނެވެ. ދަރިފުޅުގެ ލޮލުން ފޫދޭ ކަރުނަތައް ފެނުމުން ބައްޕަގެ ހިތުގައި ވަރަށް ރިއްސާލައެވެ.
ދަރިފުޅު ބޮޑުވެގެން އައި މަންޒަރު އެންމެ ސިކުންތެއްވެސް ގެއްލުވާ ލުމެއްނެތި ބައްޕައަށް ފެނިގެން ދިޔުމަކީ އެއީ މާތް ﷲގެ ޙަޒްރަތަށް ބައްްޕަ އެންމެ ބޮޑަށް ޝުކުރުވެރިވާ އެއް ކަމެވެ. ކުޑަ ކުޑަ، ބައްޕަގެ އަތްމަތީ ގެންގުޅުނު ލޯބި ލޯބި ދަރިފުޅު ބޮޑުވެގެން އައީ ނުވެސް އެނގި ހުއްޓައެވެ. މި ދުނިޔެމަތީން މި ބައްޕައަށް ލިބުނު އެންމެ ބޮޑު އެއް ނިޢުމަތަކީ ތި ދަރިފުޅެވެ.
ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު ބައްޕަ ކުރި ކޮންމެ މަސައްކަތެއް އަދި ކޮންމެ ކަމެއްމެކުރީ ތި ދަރިފުޅުގެ ޙައްގުގައެވެ. ދަރިފުޅަށް އުފާވެރި އަދި ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައެވެ. ދަރިފުޅުގެ މަންމައާއި ބައްޕައަށް ކުޑަ އިރުގައި ނުލިބި ހުރި އެތައް އެއްޗެއް، އެތައް އުފާވެރިކަމެއް ބައްޕަ ދަރިފުޅަށް ހޯދައި ދޭން ބޭނުންވިއެވެ.
މި ދުނިޔެއަކީ ބައެއް ހާލަތްތަކުގައި އުފާވެރި، ދަރިފުޅު އެންމެ ބޭނުންވާ ގޮތަށް ކަންކަން ހިނގާ ތަނަކަށް ވެ ދެއެވެ. ނަމަވެސް ގިނަ ފަހަރަށް މި ދުނިޔެއަކީ ކެހިވެރިން ގިނަ، ހަސަދައާއި ފަސާދަ ގިނަ ތަނެކެވެ. މިއީ ދަރިފުޅު ދުނިޔޭގެ މާހައުލަށް ނުކުމެ އުޅެން ފެށުމުގެ ކުރިން ވިސްނާލަންޖެހޭ އެންމެ މުހިންމު އެއް ކަންތަކެވެ. މި ދުނިޔޭގައި އުޅޭއިރު، ގިނަވާނީ އެއީ ތިމާއަށް ވަރަށް ރަނގަޅު ހެޔޮ އެދޭހެން ހީވާ މީހުންނެވެ. ނަމަވެސް އެ ތަފާތުތައް ވަކިކުރަން ދަރިފުޅަށް ދަނެގަނެ ވިއްޖެނަމަ އެއީ ވަރަށް ފަސޭހަކަމެކެވެ.
ބައްޕަގެ ދޮލޮލުގެ ނޫރެވެ. ދެންމެ ބުނި ހަސަދައާއި ދިރިއުޅުމަށް ގިނަ ބަޔަކު އަންނަން ފަށާނީ ތާއުލީމީ ޙަޔާތުގެ ބިންގާ އަޅަން ފަށާ ހިސާބުންނެވެ. ދަރިފުޅަށް ކެރި ކުޅަދާނަ ވެގެންވާ އެންމެ ބޮޑަކަށް ކިޔެވުމަށް މަސައްކަތްކުރާނެ ކަން ބައްޕައަށް ޔަގީނެވެ. ނަމަވެސް ކިޔެވުމުގެ މަރުޙަލާއަކީވެސް ބައެއްފަހަރު އެންމެ ބޭނުންވާ ގޮތް ނޫން ގޮތަށްވެސް ނަތީޖާ އަންނަ އެއްޗެކެވެ. ދުނިޔޭގެ ދަރިފުޅަށް ކުރިމަތިލާންޖެހޭނެ އިމްތިޙާނުތަކުން އެއްކަމަކީ އެއީއެވެ. ނަމަވެސް އޭގެ އިމްތިހާނަކުން ދަށް ނަތީޖާއެއް ލިބިގެން ނުވަތަ ދަށްވެގެން ދެރަނުވާށެވެ. އޭގެ އިމްތިހާނަކުން ދަށްވި ނަމަވެސް ދަރިފުޅަށް ކުރިޔަށް ދެވޭނެ އެތައް ދޮރުތަކެއް ހުރިކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ. އެފަދަ ކަންތައްތަކާ ހިތްވަރު އެލުވާނުލާ ގަދަ އަޒުމަކާއެކީ ކަންކަމާ ކުރިމަތިލަންކެރޭ ފަދަ ކުއްޖަކަށްވާށެވެ. ބައްޕަމެން ތިބޭނީ އަބަދުވެސް ދަރިފުޅާއި އެކުގައެވެ.
ދަރިފުޅާއެވެ! ބައްޕައާއި މަންމަ އަބަދުވެސް ދަރިފުޅަށް އެދެނީ އެންމެ މޮޅު އެންމެ ހެޔޮ ގޮތްތަކެވެ. ބައްޕައާއި މަންމަ ދަރިފުޅު ދެކެ ނުހަނު ލޯބިވެއެވެ. ދަރިފުޅު، ޒުވާން އުމުރު ފުރަޔަށް އަޅައިގެން އަންނަ އިރު ބައްޕަ އަދި މަންމަ ދަރިފުޅަށް ނަސޭޙަތުގެ ގޮތުން ބުނެލާ ވާހަކަ ތަކަކީ ދަރިފުޅު އެންމެ ގަޔާވާ ކަހަލަ ވާހަކަތަކަށް ނުވެވެސް ހިނގައިދާނެއެވެ. ބައްޕަގެ ހިތުގައި އެންމެ ބޮޑު ކަންބޮޑުވުމެއް ހިނގާ އެއް ކަމަކީ އެއީއެވެ. ދަރިފުޅާއެވެ. ކޮންމެ އިންސާނަކުވެސް ދުނިޔެ މައްޗަށް ފޮނުއްވަނީ ފިޠުރަތުގެ ސާފު ކަންމަތީއެވެ. މަންމަ އަދި ބައްޕަ ކިތަންމެ ނަސޭޙަތެއް ދިން ނަމަވެސް، ދާނެ މަގު ޚިޔާރު ކުރަނީ ދަރިފުޅު އަމިއްލައަށެވެ.
ދަރިފުޅާއެވެ. ތިޔަ ދެއަތްތިލައަކީ ހެޔޮ އުންމަތެއް ބިނާ ކުރެވޭނެ ދެ އަތްތިލައެެވެ. އަދި ތިޔަ އުނގަގީ ގާބިލް އެތަކެއް ޖީލުތަކެއް ބިނާ ކުރެވިގެން ހަމަ ގޮސްދާނެ ތަނެކެވެ. ދަރުފުޅުގެ ނަފްސަކީ އެންމެ އަގު ބޮޑު އެކައްޗެކެވެ. ބޮޑުވެގެން އަންނަ އިރު ދަރިފުޅާއި އެތަކެއް ރައްޓެހިންނެއް ދިމާވެ، ބައްޕަގެ ފަރާތުން ނޭގޭ ނުވަތަ ގޭގެ ތެރެއިން ނޭގޭ ދުނިޔޭގެ އެތަކެއް ކަމަކަށް ދަރިފުޅުގެ ލޯ ހުޅުވިގެން ދާނެއެވެ. ކުރަން ބޭނުންވާ އެތަކެއް ގިނަ ކަންތައްތަކެއް ކުރުމަށް ނަފްސު ބާރު އަޅާނެއެވެ. ނަމަވެސް ދަރިފުޅާއެވެ. ބައްޕަގެ ލޮލުގެ ފިނިކަން ފަދަ ލޯބިވާ ދަރިފުޅާއެވެ.
ދުނިޔޭގެ ގޮވުންތަކުން ދުރުހެލިވައްޗެވެ. ބައްޕަ އާއި މަންމަ ދަރިފުޅު ދެކެ އިންތިހާއަށް ލޯބި ވަމެވެ. ސުވަރުގެ ވަނީ ދަރިފުޅުގެ ދެ ފައިތިލަ ދަށުގައެވެ. މިއީ ވަރަށް ފުން ބާރު ހުރި ވާހަކައެކެވެ. ދަރިފުޅާއެވެ. ބައްޕަ އަޑުއެހި މަދަހައެއްގައި ބުނެއުޅެއެވެ. ” ނީލަމެއްގައި އޮންނަ ފިނިފެންމަލެއްގެ ޢިއްޒަތަކީ ކޮބައިހެއްޔެވެ”؟ ނެތެވެ. އެފަދަ މަލެއްގައި ޢިއްޒަތެއް ނެތެވެ. ބައްޕަ މި ވާހަކަ ދަރިފުޅާ މި ދައްކަނީ އެއީ ބައްޕަގެ ލޭ ހިނގާ ދަރިޔަކަށް ދެރަގޮތެއް ވާން ނޭދޭތީއެވެ. މި ފަދަ ކަންތައްތަކަށް ދަރިފުޅުގެ ލޯ ހުޅުވައިދިނުން އެއީ ބައްޕަގެ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. ދަރިފުޅާއެވެ. ދުނިޔޭގައި ދަރިފުޅުހުރެ، ޒަވާޖީ ހަޔާތަކާ ހިސާބަށް ދިޔުމުގެ ނަސީބު މާތް ރަސްކަލާންގެ ދަރިފުޅަށް ދެއްވައިފި ނަމަ ކިތަންމެހާ ވެސް އުފާވެރިކަން ހުއްޓެވެ. ދަރިފުޅާއެވެ. ފެންނަ ކޮންމެ މީހެއް ހަޔާތައް ނުގެންނައްޗެވެ. ކުރިންވެސް ބައްޕަ ބުނިހެން މިއީ ކެހިވެރި ތަނެކެވެ. އަހަރެމެން ފަހުން ދާން އޮތް ތަނަކީ ހުރިހާ ގޮތަކުންވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެނިވި ގޮވައްޗެކެވެ. ދަރިފުޅާއެވެ. އެ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނީ، އެ ހިތްހަމަޖެހުން ހޯދަން މި ދުނިޔޭގައި ކުރި މަސައްކަތަކުންނެވެ.
ކުރިންވެސް ބައްޕަ ބުނެލިހެން ބައްޕަގެ ހުރިހާވެސް އުންމީދަކީ ތިޔަ ލޮބުވެތި ދަރިފުޅެވެ. ދަރިފުޅު ބޮޑުވެގެން މަލެއްހެން ހިތްހަމަޖެހުމާއި އުފަލާއި އެކީ އުޅެމުންދާނެ މަންޒަރު ބަލަން ބައްޕަ ނުހަނު ބޭނުމެވެ. ބައްޕަގެ ހުރިހާވެސް ދުޢާ އަކީ ދަރިފުޅު ހެޔޮލަފާ ޞާލިޙު ދަރިއެއްކަމުގައި ވުމެވެ. ދީނުގައި އަންގަވާފައިވާ ގޮތަށް މި ވަގުތީ ދުނިޔޭގައި އުޅުމެވެ. އަދި ޖަންނަތުގައި ބައްޕައާއި، ދަރިފުޅުގެ މަންމައާއި ދަރިފުޅު، އެކުގައިވުމެވެ.
ބައްޕަގެ ރަންކޮޅާއެވެ. ރައްޓެހިންނަށް އަޚުލާގު ރަނގަޅު ކުދިން ގާތްކުރެވޭތޯ ބަލާށެވެ. ދުނިޔޭމަތީގައި ރަނގަޅު އަދި ހެޔޮ ގޮތުގައި އުޅުމަށް އެހީތެރި ވެދޭނެ އެންމެ މުހިންމު އެކައްޗަކީ ޚުލްގު ހެޔޮ އެކުވެރިންނެވެ. ހިތަކަށް ދުނިޔެ ލިބިފައި އޮތަސް ކަންކަން ކުރުމުގެ ކުރިން ރަނގަޅަށް ފިކުރުކޮށް ވިސްނާށެވެ. ވިސްނާ ނުލާ ގޮތް ނުނިންމާށެވެ. ދަރިފުޅު އެންމެ ބޭނުންވާ ވަގުތު ބައްޕަމެން މި ފަނާވަނިވި ދުނިޔެއާއި އަލްވާދައުވެސް ކިޔައިފާނެވެ. އެހެނަސް އެކަމާ ރޮއި ހިތާމަ ނުކުރާށެވެ. ބައްޕަމެން ވަނީ އަބަދުވެސް ދަރިފުޅާއި އެކުގައެވެ. ބައްޕަމެންގެ ހިތްހަމަޖެހުމަކީ ދަރިފުޅު ޚުލްގު ހެޔޮ ރަނގަޅު ދަރިޔަކަށް ވުމެވެ.
އަބަދުވެސް ދަރިފުޅު ދެކެ ނުހަނު ލޯބިވަމެވެ.

