ޓެލްއަވީވްގައި ސަރުކާރާއި ދެކޮޅަށް އިޙްތިޖާޖު ކުރަމުންދާ ޢާއްމުންނާއި ދެކޮޅަށް، ޙާލަތާއި ނުބައްދަލު ބާރު ބޭނުން ކުރުމަށް، ކަނާތުފަޅީގެ ޙައްދުފަހަނަ އަޅާފައިވާ، ރައީސް މެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގެ ވަޒީރުން ޢަމުރުކުރަމުން ދާކަމަށް ބުނެ، އެ ސިޓީގެ ފުލުހުންގެ ވެރިޔާ އިސްތިޢުފާ ދީފިއެވެ.
އިސްރާއީލު ސަރުކާރާއި ދެކޮޅަށް ރައްޔިތުން އިޙްތިޖާޖު ކުރަނީ އެޤައުމުގެ ޢަދުލު އިންސާފުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ކުރަމުންދާ މަސައްކަތާއި ދެކޮޅަށެވެ.
ޓެލްއަވީވް ޑިސްޓްރިކްޓް ފުލުހުންގެ ކޮމާންޑަރު އެމީ އެޝެދް މިހެންބުނި ނަމަވެސް، ޣައިރުޤާނޫނީ ޢަމުރު ކުރީ ކެބިނެޓްގެ ކޮން މެމްބަރެއްކަން ހާމައެއް ނުކުރެއެވެ. އިޙްތިޖާޖުގެ ބައިވެރިންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަންގަމުން ދަނީ ކެބިނެޓްގައި ހިމެނޭ ނެޝެނަލް ސެކިއުރުޓީ މިނިސްޓަރު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޖެނުއަރީ މަހުން ފެށިގެން، ޑިމޮކްރަސީގެ އުޞޫލުތައް ދެމެހެއްޓުމަށް ގޮވާލައި، ކޮންމެ ހަފުތާ ބަންދެއްގައި އިސްރާއީލު ރައްޔިތުން ކުރަމުންދާ މި އިޙްތިޖާޖު ތަކުގައި މި ހަފުތާގައި ވެސް އިޙްތިޖާޖުގެ ބައިވެރިން ވަނީ ހައިވޭތައް ބަންދުކޮށް މަގުމަތީގައި އަލިފާން ރޯކޮށްފައެވެ.
ފުލުހުން ވަނީ އިޙްތިޖާޖުގެ ބައިވެރިން ހުއްޓުވުމައްޓަކައި ފެން ޖަހާފައެވެ. އިޙްތިޖާޖުގެ ބައިވެރިންވެސް ވަނީ ފުލުހުންނަށް ޙަމަލާ ދީފައެވެ.
އިދިކޮޅު ވާތުފަޅީގެ ފަރާތްތަކާއި ޢާއްމުން ކުރަމުންދާ އިޙްތުޖާޖުތަކުގައި ފުލުހުން ސަރުކާރާއި ދެކޮޅުވެ އިޙްތިޖާޖުގެ ބައިވެރިންގެ ފަޅިއަށް އަރަމުންދާ ކަމަށް ސަރުކާރުން ދަނީ ތުހުމަތު ކުރަމުންނެވެ.

