މާލޭ ސިޓީ ކައުންސިލުން މިއަދު ހެނދުނު ފެށި ޖަލްސާގެ އެޖެންޑާއާ މެދު ކައުންސިލަރުންތަކެއް ހިތްހަމަނުޖެހި ޖަލްސާއިން ނުކުމެވަޑައިގެން ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓައިލަން ޖެހިއްޖެ އެވެ.
ސިޓީ ކައުންސިލްގެ މެމްބަރުން ވަނީ ކައުންސިލްގެ އެޖެންޑާގައި ދެ ކަމެއް ހިމަނައިދިނުމަށް އެދިފަ އެވެ. އެއީ ބައެއް ކައުންސިލަރުން އެމްޑީޕީން ވަކިވެފައިވާތީ، ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށެވެ. އަދި 35،000ރ. އަށްވުރެ މަތީގެ ތަކެތި ޕްރޮކިޔޯ ކުރާނަމަ، ކޯޕަރޭޓް އެފެއާޒް ކޮމިޓީން ފާސްކޮށް، އެ މައުލޫމާތު ކައުންސިލަށް ދިނުން ލާޒިމްވާ ގޮތަށް ހެދުމަށް އޮތް ހުށަހެޅުމެކެވެ.
ޖަލްސާ ފެށުމާ އެކު ކައުންސިލ މެމްބަރ އައިފާން ވަނީ އެ ދެ ހުށަހެޅުން އެޖެންޑާ ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި، ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ. އެއާއެކު ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް އެ މާލަމުން ނުކުމެވަޑައިގެންނެވި އެވެ.
ދެ ހުށަހެޅުމާ ނުލައި އޮތް އެޖެންޑާއަށް ވޯޓަށް އެހެމުން އެހެން ބައެއް މެންބަރުން ވެސް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެ، ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވި އެވެ. އެގޮތުން، ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހިމެނޭ ގޮތަށް ނުވަ މެންބަރަކު ޖަލްސާ ބޮއިކޮޓްކުރެއްވިއެވެ. އެހެންވެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.
“ތާއީދެއް ނޫން ތިޔަހެން ހައްދަވާކަށް. އަޅުގަނޑުމެން ހުށަހަޅާ އެއްޗިހި މިތާ އެޖެންޑާކޮށްދެއްވަން ވާނެ،” މިއަދުގެ ޖަލްސާގެ އެޖެންޑާއަށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވޯޓަށް އެއްސެވުމާ އެކު ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވި ކައުންސިލަރުން އެއް އަޑަކުން ވިދާޅުވި އެވެ.
ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ މުޢިއްޒު ވިދާޅުވެފައިވަނީ ގާނޫނުގައި ބުނެފައި އޮތީ 72 ގަޑިއިރު ކުރިން އެޖެންޑާއަށް ފޮނުވަން ޖެހޭ ކަންކަން ފޮނުވަން ޖެހޭނެ ވާހަކަ ކަމަށާއި، މުއްދަތަށް ވުރެ ފަހުން ފޮނުވުމުގެ ސަބަބުން އަންނަ ހަފްތާއަށް އެޖެންޑާ ކޮށްދޭނެ ވާހަކަ ދަންނަވާފައި ވާނެކަމަށެވެ. މިއަދު މެންބަރުން އެ މައްސަލާގައި ކުޑަ ހިޔާލު ތަފާތުވުމެއް އައިކަމުގައި ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުން ނުކުމެވަޑައިގެންނެވި ކައުންސިލަރުންގެ ތެރޭގައި ޕީޕީއެމް، އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ކައުންސިލަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިއަދަށް އެޖެންޑާ ނުކުރި މައްސަލަ އެެޖެންޑާ ނުކުރެއްވި ސަބަބު ލިއުމުން އަންގަވައި ދެއްވަން ކައުންސިލަރުން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވުމުގެ ކުރިން އެދިވަޑައިގެންފައިވެއެވެ.

