ނިންޖަކީ އިންސާނާއަށް ވަރަށް ވެސް މުހިންމު އެއްޗެކެވެ. ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަށް ރެއަކާއި ދުވާލު މަދުވެގެން 8 ގަޑިއިރުގެ ނިދި އިންސާނާއަށް ބޭނުންވެއެވެ.
ނިންޖަކީ މިހާ މުހިންމު އެއްޗަކަށް ވައިރު، އަހަރެމެންގެ ތެރޭގައި މިކަމުގައިވެސް އެކި ލެވެލްތަކެއް ހުންނަކަން އިނގޭ ހެއްޔެވެ؟ ބައެއް މީހުންނަކީ ވަރަށް ނިދި މަޑު މީހުންނެވެ. އަނެއްބައި މީހުންނަކީ ބަޔަކު ކައިރީ ތިބެ ކިތަންމެ އަޑުގަދައެއް ކުރިޔަށް ހިތައްވެސް އަރާ ބައެއް ނޫނެވެ. މި ލިޔުމުގައި އެހެނަސް ބަލާލަން މިއުޅެނީ މި ފާހަގަކޮށްލި ބައިތަކަކަށް ނޫނެވެ.
މި ލިޔުމުގައި އަޅުގަނޑު މައިގަނޑުކޮށް ބަލައިލަން މިއުޅެނީ ނިދީގައި ވާހަކަ ދައްކާ މީހުންނާއި ބެހޭ ގޮތުންނެވެ. ތިބާ ތިއީ ނިދުމުގެ ތެރޭ ވާހަކަ ދެކެވޭ މީހެއްނަމަ ފަސްޖެހޭކަށް ނުޖެއެވެ. ސްލީޕް ޓޯކިން، ނުވަތަ ސޮމްނިލޮކިއު އަކީ މީހާ ނިދާފައި އޮއްވާ ވޮކަލައިޒޭޝަން ހަދާ ވަގުތެވެ. މި އަޑުތަކަކީ ފުރިހަމަ ލަފުޒުތަކާއި ލަފުޒުތަކަކަށް ވުން ނުވަތަ މަމްބްލިން، ހަޅޭއްލަވައިގަތުން ނުވަތަ ހިނިތުންވުން ފަދަ ކަންކަން ވެސް ވެދާނެ އެވެ.
ދުނިޔޭގެ އާބާދީއަށް ބަލާލާއިރު ގާތްގަޑަކަށް ކޮންމެ މީހަކީވެސް، އުމުރުގެ ކޮންމެވެސް އެއް ހިސާބެއްގައި ނިދީގެ ތެރޭގައި ވާހަކަ ދައްކާ މީހުންނެވެ. ނުވަތަ ނިސްބަތުން ގިނަ މީހުންނަކީ ނިދީގެ ތެރޭގައި އަބަދުވެސް ވާހަކަ ދެކެވޭ މީހުންނެވެ. އެގޮތުން ކޮންމެ ތިން މީހެއްގެ ތެރެއިން ދެ މީހަކީ ނިދީގެ ތެރޭ ވާހަކަ ދައްކާ މީހުންނެވެ. މިއީ އަދި ވަކި އުމުރު ފުރައަކަށް ވާ ކަމެއް ނޫންކަން ފާހަގަކޮށްލަންޖެހެއެވެ.
އެގޮތުން ނިދީގައި ވާހަކަ ދެއްކުމަކީ ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންގެ މެދުގައިވެސް އާންމު ކަމެކެވެ. އަދި ބައެއް މީހުންނަށް އެއީ ލަދުވެތި ކަމެއްކަމުގައި ހީވިޔަސް، އާންމު ގޮތެއްގައި އެއީ ނުރައްކާތެރި ކަމެއް ނޫނެވެ. ސްލީޕް މެޑިސިން ޖާނަލްގައި 2010 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ނަކީ ޒުވާން އުމުރުގައި ނިދުމުގެ ވާހަކަ ދެއްކުމުގެ މަދުވެގެން އެއް އެޕިސޯޑު ވިޔަސް ތަޖުރިބާ ކުރާނެ ބައެކެވެ.
ނިދިތެރޭގައި ވާހަކަ ދައްކާ މީހުން ދައްކާ ވާހަކަތައް ގިނަ ފަހަރަށް، އެ އަޑު އިވޭ މީހާއަށް ދެނެގަންނަން އުނދގޫ ވެއެވެ. އެގޮތުން އެ ވާހަކަ ދެކެވޭ މީހާ ދައްކާ ވާހަކައަކީ އެއްވެސް ތަކުން ތާކު ނުޖެހޭ ވާހަކަތަކަށްވެސް ވެ ދެއެވެ. ނަމަވެސް މަދު ހާލަތްތަކެއްގައި، އެއީ ބުއްދި ގަބޫލުކުރެވޭ ކަހަލަ ހަމަޖެހޭ ވާހަކަތަކަށްވެސް ވެދެއެވެ. އެފަދައިން ވާހަކަ ދެއްކުމަކީ ޑިސްއޯޑާއެއް ނޫން ނަމަވެސް އެކަމުގެ ސަބަބުން މީހާގެ ނިދުމަށާއި އެމީހަކާ އެކު ކޮޓަރިއެއް ނުވަތަ އެނދެއް ހިއްސާކުރާ މީހެއްގެ ނިދުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެވެ.
ނިދުމުގައި ވާހަކަ ދެއްކުމަކީ ނިދުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ވެދާނެ ކަމެކެވެ. އެފަދައިން ދައްކާ ވާހަކަ ތަކަކީ އެގަޑިއެއްގައި ހުވަފެނުން ފެންނަމުންދާ ކަމަކާއި ގުޅިގެން ދެއްކޭ ވަހަކައެއްތޯ ނުވަތަ ނޫންތޯ ސައިންވެރިން އަންނަނީ ބަލަމުންނެވެ. ނަމަވެސް އަދި އެކަމަށް އެދެވޭ ޖަވާބެއް ފެނިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކުރިންވެސް ބުނެލިހެން މި މައްސަލައަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނެވެ. އެގޮތުން މިއީ 50 އިންސައްތަ ކުޑަކުދިންގެ ކިބައިން ފެންނަ ކަމެކެވެ. އަދި ބޮޑެތި މީހުންގެ 5 އިންސައްތަ މީހުންނަކީ ނިދީގައި ވާހަަކަ ދައްކާ މީހުންކަމަށް އެކި ރިޕޯޓު ތަކުގައި ބުނެފައިވެއެވެ. އަދި އަންހެނުންނާއި ފިރިހެނުންގެވެސް މިކަން ދިމާވަނި އެއް ރޭޓެއްގައެވެ.
ބްރެއިން އެންޑް ޑިވެލޮޕްމަންޓް ޖާނަލްގައި 1980 ވަނަ އަހަރު ޝާއިއުކުރި ކަރުދާހެއްގައި ވާގޮތުން ކުޑަކުދިން އާންމުކޮށް ވާހަކަ ދައްކަނީ ނިދީގައެވެ. ހުރިހާ ކުދިންގެ ދެބައިކުޅަ އެއްބައި ކުދިން އަހަރަކު އެއް ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ނިދީގައި ވާހަކަ ދައްކާއިރު، ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ކުދިން މަދުވެގެން ހަފުތާއަކު އެއްފަހަރު ވާހަކަ ދައްކާ އެފަދައިން ވާހަކަދައްކާނެއެވެ. މެޑިސިންގެ ޕްރޮފެސަރ އަދި އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިންގެ ރައީސް ޑރ ޖެނިފާ ވިދާޅުވެފައިވާ ގޮތުގައި ގިނަ ކުދިން ބޮޑުވަނީ ރޭގަނޑުގެ ބަބަލްގެ މި އެޕިސޯޑްތަކުންނެވެ.
ނިދީގެ ތެރޭގައި އަމިއްލައަށް ވާހަކަ ދެއްކުމަކީ މަޑުމައިތިރި ކަމެއްކަމުގައި ވިޔަސް، އެއީ ނިދުމުގެ އެހެން ބައްޔެއްގެ އަލާމަތަކަށްވެސް ބައެއް ފަހަރު ވެދާނެއެވެ. އެގޮތުން ނިދުމުގައި ވާހަކަ ދެއްކުމުގެ “އެޕިސޯޑުތައް” އިތުރުވެ، ނުވަތަ އެހެނިހެން އަލާމާތްތައް ކަމަށްވާ ލިމްބް މޫވްމެންޓްސް ދުވާލު އާދަޔާ ޚިލާފަށް ނިދިއައުން ފަދަ ކަންކަން ފެންނަ ނަމަ، މެޑިކަލް އޮފިސަރ އަކާ ވާހަކަ ދެއްކުން މުހިންމެވެ.
ނިދީގައި ވާހަަކަ ދެއްކުން އެއީ ގިނަ ފަހަރަށް ފަރުވާދޭން ނުޖެހޭ ބައްޔެއްގެ ގޮތުގައި ސިއްޙީ ދާއިރާގެ ފަރާތްތައް ހާމަކުރެއެވެ. ނިދުމުގައި ވާހަކަ ދެއްކުމަކީ ދުރު ހަނދާންތައް ނުވަތަ ސިކުޑީގައި ހަރުލާފައިވާ އެފަދަ ކަންކަމާ ގުޅިފައިވާ ކަމެއް ކަމަށް ބެލެވޭއިރު، ނިދުމުން ސިކުނޑިން ތަޖުރިބާތައް އަލުން މުރާޖައާކޮށް، މުހިންމު ކަންކަން ދިގު މުއްދަތަކަށް ހަނދާނުގައި ބަހައްޓަން އަހުލުވެރިކުރުވައެވެ. ސްލީޕް މެޑިސިން ރިވިއުސް ޖާނަލްގައި 2018 ވަނަ އަހަރު ޝާއިއުކޮށްފައިވާ ރިވިއުއެއްގައި ބުނެފައި ވަނީ ނިދުމުގެ ވާހަކަ ދެއްކުމަކީ ބައެއް ފަހަރު ސިކުނޑި އަށް އެވަގުތު ސިކުނޑީގައި އުފެދިފައިވާ ހަނދާންތައް އަނގަބަހުން ރިޕްލޭއަކަށް ވެދާނެ ކަމަށެވެ.
ނަމަވެސް ނިދުމުގައި ވާހަކަ ދެއްކުމަށް މެދުވެރިވާ ސީދާ ސަބަބު އަދި ހޯދައި ޔަގީންކުރެވިފައެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ސްޓްރެސް ފްރީ މީހުންނާއި ސިކުނޑި ގިނަ ކަންކަމަށް ހުޅުވައި މާ ބުރަކޮށް ދިރިއުޅުމުގައި ވަގުތުތައް ހޭދަ ކުރާ މީހުން ނިދީގައި ވަހަކަ ދައްކާލެއް ގިނައެވެ.

