ޒުވާނުންތަކެއް އިންޑިޔާގެ އާގްރާގެ މުސްލިމް ޢާއިލާއެއްގެ ގެއަކަށްވަދެ އެ ޢާއިލާގެ ހުރިހާ މެމްބަރުންނަށް އަނިޔާކޮށްފިއެވެ. މިއަނިޔާތަކުގެ ތެރޭގައި އެޢާއިލާގެ ޒުވާން އަންހެންކުއްޖަކު ރޭޕްކޮށްފައި ވާކަމަށާއި، އަދި އެމީހުން ދިޔައީ އެޢާއިލާގެ އެންމެނަށް މަރުގެ އިންޒާރު ދިނުމަށް ފަހުގައި ކަމަށް ވެސް ޚަބަރުލިބެއެވެ.
އެޢާއިލާގެ ފިރިހެނަކާއި ޙަވާލާދީ ހައިދަރްއާބާދުގެ ތެލަންގާގެ ނޫހެއް ކަމަށްވާ ދަ ސިޔާސަތު އިން ރިޕޯޓުކޮށްފައި ވާގޮތުގައި އެގެއަށް ވަތް މީހުން 30 މިނެޓު ވަންދެން އެގޭގެ މީހުންނަށް އަނިޔާކޮށްފައެވެ.
އަހަރެމެންނަށް ޙަމަލާދިނީ މި ސަރަޙައްދުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅޭ މުސްލިމް ޢާއިލާއަކަށް ވާތީ. މި އަނިޔާތައް ހުއްޓުވަން އެއްވެސް މީހަކު ނާދޭ.
އެމީހުން ރޭޕްކުރި 18 އަހަރުގެ އަންހެންކުއްޖާގެ ބޭބެ ބުންޏެވެ.
މިމީހުން އެގޭގެތެރެއަށް ވަތް ވަގުތު އެގޭގެ ބޭރުގައި ވެސް އެމީހުންގެ އިތުރު 4 މީހަކު މަޑުކޮށްގެން ތިބިކަމަށް ވެއެވެ. އެފަރާތްތަކުން ވަނީ އެޢާއިލާގެ އުޅަނދު ތަކަށް ވެސް ގެއްލުންދީފައެވެ.
އަންގާރަދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މިޙާދިސާ ހިނގިކަން އެސަރަޙައްދުގެ ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މިޙާދިސާގެ ވީޑިއޯތައް ބުދަދުވަހު ވަނީ ސޯޝަލް މީޑީއާގައި ވައިރަލް ވެފައި ކަމަށްވެސް އެނޫހުން ބުނެއެވެ.
ޓްރާންސްޕޯޓު ކުންފުންޏެއްގައި މަސައްކަތް ކުރާ، މިގޭގެ ވެރިމީހާ އާއި، އެކުންފުނީގައި މަސައްކަތް ކުރާ ބައެއްފަރާތްތަކުން ވެސް ވަނީ މިކަން ކުރި މީހުންގެ ނަންތައް ވެސް އެނޫހަށް ކިޔައިދީފައެވެ.
މިކަން ކުރި މީހުން ހޯދުމަށް ފުލުހުން މިހާރު މަސައްކަތް ކުރަމުން ދާކަމަށާއި، މި ޙާދިސާ ރަޖިސްޓްރީ ކުރެވި މައްސަލައިގެ ތަޙްޤީޤު ފެށިފައި ވާކަމަށް އެސަރަޙައްދުގެ ފުލުހުންގެ ޑީ.ސީ.ޕީ. ސޫރަޖް ކުމާރު ވަނީ ބުނެފައެވެ.
ފާއިތުވި މޭ މަހުގެ 3 ވަނަ ދުވަހު އިންޑިއާގެ މަނީޕޫރުގެ މުސްލިމުން ކަމަށްވާ މީޓީންނާއި ބައިމަދު ހިންދޫންގެ ދަރިކޮޅެއް ކަމަށްވާ ކޫކީންނާއި ދެމެދު އުފެދުނު ހަމަނުޖެހުން ތަކަށްފަހު، އިންޑިއާގެ އެކި ސްޓޭޓްތަކުގައި ވަކިވަކި މުސްލިމުންނާއި މުސްލިމް ޢާއިލާތަކަށް، ގެތަކުގައާއި މަގުތަކުގެމަތީގައި، ފާޅުގައިދޭ އަނިޔާތަށް ވަނީ އާދަޔާއި ޚިލާފަށް އިތުރުވެފައެވެ.
ޙައްދު ފަހަނއަޅާފައިވާ ހިންދޫތުވާގެ އެކްޓިވިސްޓުން ހިންގާ މިފަދަ ކަންކަމާއި ބެހޭގޮތުން އިންޑިއާގެ މައި ސަރުކާރުން ފާއިތުވި 2 މަސްދުވަހުގެ ތެރޭގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

