ރައީސް މައުމޫން ދީފައި ހުރި ގެއްލުންތަށް ވެސް ބަލަން ޖެހޭނެ ކަމަަށް ދިޔާނާ ވިދާޅުވެއްޖެއެވެ.
މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، މ. ކިނބިގަސްދޮށުގެ އަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުން ދިން މައްސަލަ ފުލުހުން ބަލަމުން ދާއިރު ރައީސް މައުމޫން، މީހުންނަށް ދީފައިވާ ގެއްލުންތައް ވެސް ބަލަންޖެހޭނެ ކަމަށް ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ކިނބިގަސްދޮށުގެ ޖާބިރު ގެއްލުން ދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް އަވަސްގައި ލިޔުނު ހަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވިދާޅުވީ ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުމެއް ދީގެން އެ މައްސަލަ ފުލުހުން ބަލާނަމަ ރައީސް މައުމޫން، ޖާބިރަށް ދީފައިވާ ގެއްލުމުގެ މައްސަލަ ވެސް ބަލަންވާނެ ކަމަށެވެ.
ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވުމަށްފަހު އެ ފައިސާ ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ މައްސަލަ ފުލުހާއި ކޯޓަށްވެސް ހުށަހެޅުއްވި އެވެ.
ފައިސާ އަނބުރާ ހޯއްދަވަން ކޯޓަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އޭގެ ފަހުން ތަފާތު އެކި ގޮތްގޮތަށް ޖާބިރު ގެންދަވަނީ ރައީސް މައުމޫނާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެހެންނަމަވެސް ރައީސް މައުމޫން ޖާބިރް އަތުން ފައިސާ ނެންގެވި ވާޙަކަ ދޮގުކުރަށްވައެވެ.
ޖާބިރު ވަނީ އެ ފައިސާގެ ބަދަލުގައި ރައީސް މައުމޫންގެ ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި އެ ގެޔާއި ހަވާލު ވެ ވަޑައިގަނެފައިވާ ކަމަށް ވިދާޅުވެ އެގޭގެ ހުރި ވެޔޮތަކަށް ވަނީ ގެއްލުން ދީފައެވެ.

