ބަޙްރެއިންގެ މީހަކު އެތައް ހާސް ޔަތީމު ކުދިންނަކަށް އެހީތެރިވަމުން ގެންދިޔައެވެ. އޭނާ އެކަން ކުރަމުން ދިޔައީ އެކަމުގެ ސަބަބުން ދުނިޔަވީ އެއްވެސް ބަދަލެއް ލިބުމުގެ އުއްމީދަކު ނޫނެވެ.
އެހެނަސް އޭނާގެ އެހީ ލިބުނު އެތައް ފަރާތްތަކަކާއި ބަޙްރެއިން ސަރުކާރުން ވަނީ ވަރަށް ޚާއްޞަ ގޮތަކަށް މި އިޚްލާޞްތެރިޔާގެ އަގު ވަޒަން ކޮށްފައެވެ.
އާރކިޓެކްޓެއް ކަމަށްވާ ޚަލީލް އައްދައިލަމީ އާދައިގެމަތިން ނުކުތީ އޭނާގެ މަސައްކަތަށް ދިއުމަށެވެ. ދައިލަމީގެ ކާރު ޓްރެފިކް ލައިޓެއްގައި މަޑުކޮށްލިއެވެ. ކުށްލިއަކާ އެތަނަށް އިތުރު ތިން ކާރު އައެވެ. އެ ތިން ކާރު މަޑުކުރީ ދައިލަމީގެ ކާރުގެ ދެފަޅީގައާއި ފަހަތުގައެވެ. ދެން އިވެންފެށީ އެނައުންސްމަންޓެކެވެ.

ދައިލަމީގެ އެހީގައި ބަލަހައްޓާ ޔަތީމު ކުދިންނާއިއެކު
"ތިޔައީ، ފުރިހަމަ މިސާލެއް ދައިލަމީ. ތިޔަބޭފުޅާއާއި މެދު އަހަރެމެން ފަޚުރުވެރިވަން." މިއަޑު އިވުމާއިއެކު ދައިލަމީގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ދައިލަމީގެ ކާރުގެ ދެފަރާތުގައި އޮތް ދެ ކާރުން ވެސް ބަރުގޮނު އަޅާލިއެވެ. ދައިލަމީ ބަލާލިއެވެ. އެއިންކޮންމެ ކާރެއްގެ ދޮރުގެ ބިއްލޫރިގަނޑުގައި ވަނީ ދައިލަމީގެ ފޮޓޯޖަހާފައެވެ. އަދި ލިޔެފައިވެއެވެ. "ތިޔައީ، ފުރިހަމަ މިސާލެއް. ތިޔަބޭފުޅާއާއި މެދު އަހަރެމެން ފަޚުރުވެރިވަން."
ޚަލީލް އައްދައިލަމީ ބަޙްރެއިންގައި "ޔަތީމުންގެ ބައްޕަ"ގެ ލަޤަބުން މަޝްހޫރު ވެގެންދިޔައެވެ. އެވަގުތު ދައިލަމީގެ ކާރުގެ ކުރިމަތިން ހުރަސްކޮށްލި ޓްރަކެއްގެ އެއްފަޅި ފުރެންދެން ޕްރިންޓްކޮށްފައިވާ ބޮޑު ބިލްބޯޑެއްފަދަ މެސެޖެއްގައި ލިޔެފައިވެއެވެ. "ބަޠަލް – ޚަލީލް އައްދައިލަމީ" ދައިލަމީގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ދިޔައީ އިތުރުވަމުންނެވެ.
ވަށައިގެންވާ ކާރުތަކާއި ބައެއް ޢިމާރާތްތަކުން މީހުންތަކެއް ނުކުމެގެން އަންނަންފެށިއެވެ. އޭގެތެރެއިން ބައެއް މީހުންވެސް ތިބީ، "ބަޠަލް – ޚަލީލް އައްދައިލަމީ" މިހެންޖަހާފައިވާ ބޯޑުތައް ހިފައިގެންނެވެ. އެމީހުންއައިސް ދައިލަމީގެ ކާރުގެ ކުރިމަތީގައި ދެ ސަފަކަށް އެތުރިލިއެވެ. އަދި އަތްޖަހަމުން ގެންދިޔައެވެ.
ދައިލަމީ ކާރުން ނުކުމެގެން އެ ދެ ސަފުގެ މެދުން ހިނގަންފެށިއެވެ. ހުއްޓުމެއް ނެތި އޮފޮރެމުންދިޔަ ކަރުނަތައް ފޮހެމުންނެވެ. ދެފަރާތުގައި ތިބި މީހުންނާއި ދިމާއަށް ބައެއްފަހަރު ސަލާމަށް އަތް އުފުލާލަމުންނެވެ. ދެސަފު ނިމޭތާގައި އަންހެނަކު ހުއްޓެވެ. ދައިލަމީގެ އިންތިޒާރުގައެވެ. އޭނާގެ އަތުގައި ވަނީ ރަންކުލައިގެ ބޮޑު މެޑަލް އެކެވެ. ދައިލަމީ ހިންގަވާފައި އެހިސާބަށް ދުރުވުމުން އެ މެޑަލް އެބޭފުޅާގެ ކަރުގައި އެޅުވިއެވެ.

ޒުހުދުވެރީންގެ ޝުކުރުވެރިކަމަކީ މިސާލެއް
ފާއިތުވި ރަމަޟާންމަހު ބަޙްރެއިންގެ ޓީވީއިން ވަނީ އެޤައުމަށް ޚިދުމަތް ކޮށްފައިވާ ބައެއް ފަރާތްތަކުގެ އަގުވަޒަން ކުރުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މިޕްރޮގްރާމުގެ އެއް މެހުމާނަކީ ޚަލީލް އައްދައިލަމީއެވެ.
ދައިލަމީ ޔަތީމު ކުދިންނަށް އެހީ ވަމުންދިޔައީ މަޝްހޫރުކަމެއް ހޯދާކަށެއް ނޫނެވެ. އެހެނަސް އެބޭފުޅާގެ ހިތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އިންސާނިއްޔަތަށް ހެޔޮފޯރުވުމުގެ ހެޔޮ ނިޔަތުގައެވެ.
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. ޔަތީމު ކުއްޖެއް ބަލަހައްޓައިފި މީހަކު، އެއީ އެކުއްޖާގެ ތިމާގެ މީހަކަށް ވިޔަސް ނުވަތަ ނޫނަސް، އެމީހަކާއި ތިމަންކަލޭގެފާނާއި ދެމީހުން ސުވަރުގޭގައި ވާނީ މިފަދައިންނެވެ. މިހެން ޙަދީޘްފުޅު ކުރައްވަމުން އެކަލޭގެފާނު (ޞޢވ)ގެ އަތްޕުޅުގެ ދެއިނގިލިފުޅު ޖައްސަވާ ބާރުކުރައްވާފައި ދެއްކެވިއެވެ.
އެންމެ ޔަތީމަކު ބަލައި ބޮޑު ކުރުމުން ލިބޭ އަޖުރަކީ މިއީ ކަމަށްވާނަމަ، އެތައް ހާސް ޔަތީމުންނެއް ބަލަހައްޓާ މީހަކަށް ލިބޭނެ އަޖުރުގެ މަތިވެރިކަން ވިސްނަވާށެވެ.
އައްދައިލަމީއަށް މި ޚާއްޞަ ގާޑްއޮފް އޮނަރ އެރުވުމުގައި ޙަރަކާތްތެރިވި އެންމެންނަކީ ވެސް އައްދައިލަމީގެ އެހީތެރިކަން ލިބި ބޮޑެތިވެ އެމީހުންގެ ދިރިއުޅުން ފަށާފައިވާ ޔަތީމުކުދިންނެވެ.
އައްދައިލަމީ އަށް މިލިބުނު ޝަރަފާއި ޢިއްޒަތަކީ އެބޭފުޅާގެ މި އިޚްލާޞްތެރި ޢަމަލަށް އެކަށޭނަ އަޖުރުން ވަރަށް ކުޑަ މިންވަރެކެވެ. މިފަދަ ޢަމަލުތަކަށް އެންމެ ފުރިހަމަ ޖަޒާ ދެއްވޭނީ ޢާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ.
އައްތިރްމިޛީގައިވާ ޙަދީޘެއްގައިވެއެވެ. ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖްހުފުޅު އެދި، ޔަތީމެއްގެ ބޮލުގައި އޯގާތެރިކަމާއިއެކު ފިރުމާލައިފި މީހަކަށް އެކުއްޖާގެ ބޮލުގައިވާ އިސްތަށީގެ ތެރެއިން އެމީހާގެ އަތްބީހުނު ކޮންމެ އިސްތައްޓެއްގެ ޢަދަދަށް އެމީހަކަށް ހެޔޮކަން ލިޔެވިގެން ދާނެއެވެ.
ޔަތީމުންނަށްޓަކައި މާތް ނަބިއްޔާ (ޞޢވ)ގެ ހިތްޕުޅުގައި ޚާއްޞަ މަޤާމެއް ދެވިފައިވެއެވެ. އަދި ޔަތީމުންނަށް ހެޔޮކޮށްހިތައި އެކުދީންގެ ކަންކަން ބެލެހެއްޓުމަކީ އެކަލޭގެފާނު ވަރަށްބޮޑަށް ބާރުއެޅުއްވި ކަމެކެވެ.

