ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.
ދައުރުން ބޭރުން ދެވަނަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން އެޖެންޑާ ކޮށްފައިވާއިރު، އެޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް އެޕާޓީން ވަކިވުމާ ގުޅިގެން އެމްޑީޕީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފައިވާއިރު، އޭގެފަހުން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް މަޝްވަރާތައް ކުރެވުނު ނަމަވެސް ގޮތެއް އަދި ނިމިފައެއް ނުވެއެވެ.
މަސައްކަތްތައް ނުނިމި ހުއްޓަސް މަޖިލީސްވަނީ ޗުއްޓީއަށް ގޮސްފައެވެ. މަޖިލީސް ޗުއްޓީއަށް ދިޔަ ފަހުން ވަނީ ދައުރުން ބޭރުން އެއް ޖަލްސާ ބާއްވާފައެވެ. އެ ޖަލްސާގެ ރިޔާސަތް ބަލަހައްޓާފައިވަނީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުއެވެ.
ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާގައި ޖަލްސާ ފެށުމުގެ ކުރިން ސޮލަވާތް ކިޔެވުމާއި އެޖެންޑާގެ ނަމްބަރު ކިޔުން ފަދަ ރަސްމީ ބައިތައް ނުހިމަނާ ޖަލްސާއަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް 50 ސިކުންތެވެ. އެ ޖަލްސާގަވެސް ކޮމިޓީތައް އެކުލަވާލުން އެޖެންޑާކުރެވިގެން ޖަލްސާ ބޭއްވުނު ނަމަވަެސް އެކަމުގެ މަސައްަތެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައިސްފައެވެ.

