ފާއިތުވި 2 ދުވަހުގެ ތެރޭގައި ރެކޯޑު މިންވަރަކަށް ވާރޭވެހި އުތުރު އިންޑިއާގެ ގިނަ ސަރަޙައްދު ތަކެއްގައި ފެންބޮޑުވެއްޖެއެވެ. މި ޙާދިސާތަކުގެ ތެރޭގައި މިހާތަނަށް 12 މީހަކު ވަނީ މަރުވެފައެވެ.
އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (އައި.އެމް.ޑީ.) އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދިއްލީ، ހަރިޔާނާ، ހިމާޗަލްޕްރަދޭޝް، އުއްތަރަޕްރަދޭޝް، ރާޖިސްތާން، ޕަންޖާބު އަދި ޖައްމޫ-ކަޝްމީރަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ.
މިއަހަރުގެ ވިއްސާރަ މޫސުމުގެ ފުރަތަމަ ބޯ ވިލާގަނޑާއި އެކު ފެންބޮޑުވާން ފެށުމުގެ ސަބަބުން އިއްޔެ ވެރިރަށް ދިއްލީގެ މަގުތައް ބޭނުން ކުރަން ދަތިވެ ޢާއްމުންނަށް ވަނީ ބޮޑެތި އުނދަގޫތަކަކާއި ކުރިމަތި ވެފައެވެ.
ދިއްލީގެ ގެއެއްގެ ސީލިންގު ވެއްޓުމުގެ ސަބަބުން އިއްޔެ ޢުމުރުން 58 އަހަރުގެ މީހަކު މަރުވެފައި ވާއިރު، ފެންބޮޑުވުމުގެ ޙާދިސާތަކުގައި ރާޖިސްތާނުގައި އިތުރު 4 މީހަކު ވަނީ މަރުވެފައެވެ.
ފެންބޮޑުވެ ގެއެއް ވެއްޓުމުގެ ސަބަބުން އުއްތަރަޕްރަދޭޝްގައި ވެސް އަންހެނަކާއި އޭނާގެ 6 އަހަރުގެ ދަރިއަކު ވަނީ މަރުވެފައެވެ. މިފަދަ އިތުރު ޙާދިސާއެއްގައި ހިމާޗަލްޕްރަދޭޝްގެ އެއް ޢާއިލާއެއްގެ 3 މީހުން ވަނީ މަރުވެފައެވެ.
ވިއްސާރައިގެ ސަބަބުން ބޮޑުވި ފެންގަނޑާއިއެކު އޮޔާގޮސް ޖައްމޫ-ކަޝްމީރުގައި ވެސް ވަނީ އިންޑިއާ ސިފައިންގެ ދެމީހަކު މަރުވެފައެވެ.
މީގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާއެއް ހިނގައި ޝްރީނަގަރް-ޖައްމޫ ހައިވޭގައި 3000 އެއްހާ އުޅަނދު ވަނީ ތާށިވެފައެވެ.
ބޯކޮށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ 7 ސަރަޙައްދަކަށް އައި.އެމް.ޑީ. އިން މިހާރު ވަނީ ރަތް ސަމާލުވެސް ނެރެފައެވެ.
މިއީ، ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނު ފުރަތަމަ ފަހަރު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

